Saturday, October 31
ބީއެމްއެލްގެ މުވައްޒަފުން އެސްއެމްޔޫގެ ލީޑަރޝިޕް ޕްރޮގްރާމް ފުރިހަމަކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީ (އެސްއެމްޔޫ) ގެ ލީޑަރޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ޕްރޮގްރާމް ފުރިހަމަކޮށްފިއެވެ.

ބީއެމްއެލް އިން ހާމަކުރި ގޮތުގައި އެ ބޭންކުގެ 20 މުވައްޒަފުން ވަނީ އެސްއެމްޔޫ އިން އެގްޒެކެޓިވް ސެޓްފިކެޓް އިން ލީޑަރޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ހާސިލްކޮށްފައެވެ. 18 މަސްދުވަހުގެ މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އިންޓަރެކްޓިވްކޮށް، މަޝްވަރާއަށް ބިނާކޮށް ކުރިއަށްގެންދެވޭ ކިޔަވައިދިނުމާއި ޕްރެކްޓިކަލް ކޭސް ސްޓަޑީސްތަކެއް ހިމަނައިގެންނެވެ. މިއީ މުވައްޒަފުންނަށް ބޭންކިންގ ދާއިރާގެ އަމަލީ މައިދާނުގައި ލީޑަރޝިޕްގެ މުހިންމު ކޮންސެޕްޓްތައް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މީގެ އިތުރުން، ބޭންކުގެ އިތުރު 20 މުވައްޒަފުން ވަނީ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށް، އެސްއެމްޔޫގެ ފރޭމްވޯކަށް ހިންގި ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު ސެޓްފިކެޓް އިން ލީޑަރޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ހާސިލްކޮށްފައި ކަމަށްވެސް ބީއެމްއެލް އިން ހާމަކުރެއެވެ.

މި ޕްރޮގްރާމްގެ މުހިންމުކަމަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ޕްރޮގްރާމަށް ކުރެވުނު އިންވެސްޓްމަންޓަކީ ބޭންކުގެ އިންސާނީ ވަސީލަތްތަކަކީ ބޭންކުގެ އެންމެ އަގުހުރި އެސެޓްކަމުގައި ދެކޭ ކަމުގެ ރަމްޒެއް ކަމަށެވެ.

"އެސްއެމްޔޫއާއެކު ގާއިމްކުރި ޕާޓްނަރޝިޕަކީ ބަދަލުވަމުންދާ މާރކެޓް ޑައިނަމިކްސްއާ ކުރިމަތިލުމަށް ބޭނުންވާ ކުރިމަގުގެ ލީޑަރޝިޕް ޓީމެއް ބިނާކުރުމަށް މުހިންމު ޕާޓްނަރޝިޕެއް. އަޅުގަނޑުމެންގެ ދެމެހެއްޓެނިވި ކާމިޔާބީއަކީ ބޭންކުގެ ހުރިހާ ފަންތިއެއްގައި ނަމޫނާ ލީޑަރޝިޕެއް ތަރައްގީކުރުމުގެ ނަތީޖާ"، ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލް އިން ބުނީ ބީއެމްއެލް އެކަޑަމީއަކީ މި ކުރިއެރުމުގެ މައިގަނޑު އިންޖީނު ކަމަށާއި، އެ އެކަޑަމީއިން ބޭންކުގެ މުވައްޒަފުންގެ ހުނަރު އާލާކުރުމަށް މެދުނުކެނޑި، އުނގެނުމުގެ ފުރުސަތުތަކާއި، ހާއްސަ ތަމްރީނުތަކާއި، ބައިނަލްއަގުވާމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދޭ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު