Tuesday, November 3
ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހައްޖު ވިސާ ދޫނުކުރަން ސައުދީން އަންގައިފި

ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދަ މީންނަށް އަންނަ އަހަރުގެ ޙައްޖު ވިސާ ދޫނުކުރުމަށް ސަޢުދީ ސަރުކާރުން ނިންމާފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަކީލް ވިދާޅުވީ ހިތުގެ ބައްޔާއި ކިޑްނީ ބަލި، ނާރުގެ ބަލި ހަނދާން ނެތޭ ބަލި ފަދަ ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހައްޖު ވިސާ ދޫނުކުރުމަށް ސައުދީން ނިންމާފައިވާ ކަން ހައްޖު މިނިސްޓްރީން މިހާރު އަންގާފައިވާ ކަމަށެވެ.

އެހެންކަމުން ހައްޖު ކޯޕަރޭޝަނުން މިހާރު ނިންމާފައި ވަނީ ހައްޖުގެ ފުރުސަތު ލިބޭ ފަރާތްތައް ދުރާލާ މެޑިކަލް ޓެސްޓްތައް ހެދުމަށެވެ.

 މެޑިކަލް ރިޕޯޓްތަައް ހައްޖު ކޯޕަރޭޝަނުގެ މެޑިކަލް ޓީމުތަކުން ޗެކްކޮށް އިތުރު ޓެސްޓެއް ހަދަން ޖެހޭނެ ނަމަ އަންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހައްޖު ވިސާ ލިބޭނެކަން ކަށަވަރުވާނީ ރިޕޯޓްތައް ސައުދީ ހައްޖު މިނިސްޓްރީ އަށް ފޮނުވުމުން އެ ފަރާތުން އެކަން ޔަގީން ކުރުމުން ކަމަށް ވެސް ޝަކީލް ވިދާޅުވި އެވެ.

" ބައްޔެއް އަދި ހުރިނަމަވެސް ވިސާ ނުލިބޭނެއެކޭ އެކޭ ނޫން. މިސާލަކަށް އާދައިގެ ހިތުގެ މައްސަލައެއް ހުރުމަކުން ނޫނީ ކިޑްނީގެ ކުޑަކުޑަ މައްސަލައެއް ހުރުމަކުން މީގައި އަދި މައްސަލަތަކެއް ނާންނާނެ. އޭގެ ބޮޑު ކުޑަމިނަށް ބައްލަވާނެ ސައުދީގެ ޙައްޖު މިނިސްޓްރީގެ ބޭފުޅުން ވެސް. އެހެންވީމަ ހައްދަވަންޖެހޭ ޓެސްޓުތަކެއް ހައްދަވައި، އެ ބޭފުޅެއްގެ ސިއްޙީ ހާލަތު ހުރި ގޮތް ހާމަވީމަ އޭގެ އެއްޗެއް ދަންނަވާލަން އެނގޭނީ،" ޝަކީލް ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ ހައްޖުގެ ޖާގަ ލިބިފައިވާ މީހަކަށް، ބޮޑު ބައްޔެއްގެ ސަބަބުން ހައްޖު ވިސާ ނުލިބިއްޖެ ނަމަ އެމީހާގެ ބަދަލުގައި އެހެންމީހަކަށް ލިބޭނެކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު