ޞިއްޙަތު ރަނގަޅު ދަރިންތަކެއް ބިނާކުރުމަށް އެންމެ މުހިންމު އެއް ކަމަކީ ކެއިންބުއިމުގައި ޞިއްޙީ އާދަތައް ހިފެހެއްޓުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވީ ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދުންފަތާއި ވޭޕްގެ ބާވަތްތަކާ ރައްޔިތުން ދުރުހެލިކުރަން ސަރުކާރުން ފެށި މަސައްކަތުގެ ބޭނުމަކީ، ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިކުރުން ކަމަށެވެ.
ރައީސްގެ މި ޕޯސްޓުގައި، ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގުގައި އަބަދުމެ ބާޒާރުން ލިބޭނެ މަގު ފަހިކުރަން ސަރުކާރުން ޢަމަލީ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން ހާމަކުރައްވާފައިވެއެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި، ބަލިތަކާ ދުރުހެލި، ދުޅަހެޔޮ މުޖްތަމަޢެއް ހޯދުމުގައި، އަދި ދަރީންނަކީ ޞިއްޙަތު ރަނގަޅު ކުދިބަޔަކަށް ހެދުމުގައި އެންމެ އިސްކަން ދޭންޖެހޭ އެއްކަމަކީ ކެއިންބުއިމުގައި ޞިއްޙީ އާދަތައް ހިފެހެއްޓުންކަމުގައި ވިދާޅުވިއެވެ. އަދި މިކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ޤައުމީ ފެންވަރުގައި، ފުޅާ ދާއިރާއެއްގައި ސަރުކާރުން ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހީންގެ ކެއިންބުއިމުގައި މާތްﷲ ބަރަކާތްލައްވައި، ބަލިތަކާ ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ލަހައްޓަވާށި. އާމީން"، ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް، ކާބޯތަކެތީގެ މުހިންމުކަން ފާހަގަކުރައްވައި އެކްސްގައި މެސެޖެއް ހިއްސާކުރައްވާފައިވެއެވެ. އެކަމަނާގެ މި މެސެޖުގައި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރަމުންދާއިރު ކާނާއަކީ އަސާސީ ބޭނުމެއްގެ އިތުރުން ހައްޤެއް ކަމުގައި ވަނީ ސިފަކުރައްވާފައެވެ. އަދި ކާބޯތަކެއްޗަކީ ހަށިގަނޑަށް ބޭނުންވާ ކާނާ ކަމަށާއި، އެކިއެކި ސަގާފަތްތަކާއި ތަފާތު މުޖުތަމަޢުތަކުގެ ގުޅުންތައް ބަދަހިކުރުމުގައި ކާބޯތަކެތީގެ ދައުރުވެސް އެކަމަނާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
މޫސުމަށް އަންނަ ބަދަލުތަކުން ފެށިގެން ހަމަނުޖެހުންތައް އާންމުވަމުންދާ މިފަދަ ޒަމާނެއްގައި އެންމެން އަތާއި އަތް ގުޅާލައި، ގުޅުންތައް ވަރުގަދަކޮށް، ބައިނަލްއަޤްވާމީ މައިދާނުގައި ކުރާ މަސައްކަތްތައް ހަރުދަނާކޮށް، މާނަހުރި ބަދަލުތަކަކަށް މަސައްކަތް ކުރުމުގެ މުހިންމުކަން އެކަމަނާގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ. ބަނޑުހައިހޫނުކަން ނައްތާލައި، ކާނާއިން ހަށިގަނޑަށް ލިބޭ ފައިދާ އިތުރުކުރެވި، ކާނާގެ ޔަޤީންކަން ހޯދޭނީ އެކުގައި މަސައްކަތްކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މި މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.