އާދިއްތަ, November 15
ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެ: ރައީސް

1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައިގެން މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ކުރާ ތާއީދު އެއްވެސް ގުޑުމެއްނެތި ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ފަލަސްތީނުގެ މިނިވަންކަން އިޢުލާނުކުރިތާ 38 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު މީސްމީޑިއާގައި ޝާއިޢުކުރެއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ރައީސް ވަނީ ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސްއާއި، ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުސްތަފާއާއި، ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ.

"މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމުގެ ގުޅިފައިވާ ހުވަފެން ހަގީގަތަކަށް ހެދުމުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެ،" ރައީސް ވިދާޅުވިއެވެ.

ފަލަސްތީނާއެކު ރާއްޖޭގެ އަޒުމާއި އެއްބާރުލުން އެއްވެސް ޝަރުތަކާ ނުލައި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސްގެ މެސެޖު ނިންމަވާލެއްވީ "ކޯރުން ފެށިގެން ކަނޑާ ހަމައަށް، ފަލަސްތީނު މިނިވަންވާނެ" މި ޝިޢާރާއެކުގައެވެ.

ފަލަސްތީނުގެ މިނިވަންކަން އިޢުލާނުކުރީ 1988 ވަނަ އަހަރު އަލްޖީރިއާގައެވެ. އެ އިޢުލާނު އިއްވެވީ އޭރުގެ ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ ޗެއާމަން ޔާސިރު ޢަރަފާތެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ފަލަސްތީނާއެކު އޮތްކަން ހާމަކުރާ ގޮތަށް އެތައް ސިޔާސަތެއް ތަންފީޒުކުރަމުން ދަނީއެވެ. އެގޮތުން އިމިގްރޭޝަން ޤާނޫނަށް ގެނައި އިޞްލާޙާއެކު އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ވަނީ މަނާކޮށްފައެވެ. އަދި ރިއަލް އެސްޓޭޓް ވިޔަފާރި ރެގިއުލޭޓުކުރުމަށް އެކުލަވާލާފައިވާ ބިލުގައި، ރާއްޖޭގައި ތަރައްޤީކުރާ އެއްވެސް ޕްރޮޕަޓީއެއް އިސްރާއީލުގެ މީހުންނަށް ނުގަނެވޭ ގޮތަށް އުސޫލުތައް ހިމަނާފައިވެއެވެ.

މިދިޔަ ހަފްތާގައި ތުރުކީވިލާތުގެ އަންތާލިޔާގައި ބޭއްވުނު ކޮޕް31 ގެ ހަވާސާގައި ރައީސް ވަނީ ފަލަސްތީނުގެ ބޮޑުވަޒީރު މުޙައްމަދު މުސްތަފާއާ ބައްދަލުކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު