ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަން ތަރައްޤީކުރުމަށް މި ސަރުކާރުން ފެއްޓެވި މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ޤާއިމުކުރެއްވި ފުރަތަމަ އައިސް ޕްލާންޓުގެ ޚިދުމަތް، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. 30 ޓަނުގެ މި އައިސް ޕްލާންޓުގެ ޚިދުމަތް އެމަނިކުފާނު ފައްޓަވައިދެއްވާފައިވަނީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފުނަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން، ފުނަދޫގައިވަނީ، އެމަނިކުފާނުގެ ރިޔާސީ ވަޢުދުތަކާ ގުޅުންހުރި ބޮޑެތި ބައެއް މަޝްރޫޢުތައް އިފުތިތާޙުކުރައްވައި، އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ.
އެގޮތުން، ފުނަދޫ އެއަރޕޯޓު އިތުރަށް ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢު ރަސްމީކޮށް އިފުތިތާޙުކުރައްވާފައިއެވެ.
އަދި މިރޭ، ރައީސުލްޖުމްހޫރިއްޔާ އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވަނީ، ފުނަދޫގެ މަގުތައް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ފުނަދޫގައި ޤާއިމުކުރުމުގެ އެއްބަސްވުމާއި، ފުނަދޫ ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރުމުގެ އެއްބަސްވުމާއި، ފުނަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ފުނަދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ އެއްބަސްވުމާއި، ފުނަދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމާއި، އަދި ފުނަދޫގައި އިސްލާމީ މަރުކަޒެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި، ސޮއިކުރައްވާފައެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫޢުތަކާއި، ރަށުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާ ގުޅުންހުރި އިތުރު ތަފްޞީލުތައް ރައްޔިތުންނާ ހިއްސާކުރައްވާފައިވެއެވެ. އެގޮތުން، އެއަރޕޯޓުގެ މަސައްކަތް ކުރިއަށްގެންދަވާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ފިޔަވަހީގައި ހިމެނޭ ލައިޓް ހަރުކުރުމުގެ މަސައްކަތް މިއަހަރު ފުރިހަމަ ކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މާދަމާ ޢަމަލީ މަސައްކަތް ފަށާ ބިންހިއްކުމުގެ މަޝްރޫޢު ނިމުނުހާ އަވަހަކަށް ފުނަދޫގައި 300 ހައުސިންގ ޔުނިޓުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި އަހަރުގެ ތެރޭގައި ރަށުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ތަޢާރަފުކުރައްވައި، މި އަހަރު ނިމުމުގެ ކުރިން ސްކޫލަށް އޮފީސް ޢިމާރާތެއް އިތުރުކުރުމުގެ މަސައްކަތް ފައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ރަށުގައި ޖޫނިއަރ ކޮލެޖެއް ޤާއިމުކުރުމާއި، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ފެނާއި ކަރަންޓު ނުލިބޭ ސަރަހައްދުތަކަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ކުރިއަށްދާކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ފުނަދޫއަކީ އަބާދީ އާއި ތަރައްޤީ އެއްފަސްކުރުމުގެ ލާމަސީލު ރަށެއްކަން ފާހަގަކުރައްވައި، ރަށުގެ ތަރައްޤީގެ މަސައްކަތްތައް ރާއްވަވަމުން ގެންދަވަނީވެސް އެފަދަ ވިސްނުންފުޅެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.