ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ހާމަކޮށްފިއެވެ.
ފުލުހުން ބުނީ މި އަހަރުގެ އޭޕްރީލް 25 ވަނަ ދުވަހު ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު އެމްޕީއެލްގެ ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލްގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގާފައިވާ މައްސަލަ އޮކްޓޫބަރު 9 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލައިގެ ތަޙުޤީޤަށް މިހާތަނަށް 12 މީހެއްގެ ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ރޭ ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ދެ ވިޔަފާރިވެރިންނާއި، ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އިތުރު މީހަކު ހިމެނެއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފް (61 އ) އާއި ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދު (65 އ) އާއި ހ. ނިއުހެޕިނަސް، މުޢާޛު ޢަލީ (48 އ) އަދި ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލް (40 އ) އެވެ.
ފުލުހުން ބުނީ މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯތަށް ހާޒިރުކުރުމުން، އަޙްމަދު ޢާރިފާއި، ޒިވާރު އިސްމާޢީލް 15 ދުވަހަށް، މުޙައްމަދު ވަޙީދު 10 ދުވަހަށް އަދި މުޢާޛު ޢަލީ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.