ށ. މިލަންދޫގައި އެއާޕޯޓް ހެދުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ރައީސް ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ މިލަންދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވައިފަ އެވެ. މި އެއާޕޯޓަކީ އެ ރަށުގެ ވަރަށް ގިނަ ރައްޔިތުންގެ އުއްމީދެކެވެ. އެއާޕޯޓްގެ މަސައްކަތް ޙަވާލުކުރީ އެމްއޭސީއެލް އާއެވެ.
އެއާޕޯޓުގެ މަސައްކަތް ފައްޓަވައި ދެއްވުމަށް ފަހު، ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިލަންދޫގެ އެއާޕޯޓު މި ސަރަަހައްދަށް މުހިއްމު ކަން އެމަނިކުފާނަށް ރައްޔިތުން ހުށަހެޅުއްވި އިރު ވެސް ވިސްނިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ އެއާޕޯޓަކީ މިލަންދުއަށް ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތަށް ގަބޫލުކުރެއްވި ކަމަށް ވިދާޅުވި އެވެ.
އެއާޕޯޓުގެ މަސައްކަތް ފެށީ، ރައީސް ވިދާޅުވި ގޮތުގައި، ރަށަށް އެންމެ ފައިދާ ހުރި ގޮތަކީ ކޮބައިތޯ ބަލައި މަޝްވަރާތަކަށް ފަހު އެވެ. އެއާޕޯޓު އަޅާނެ ސަރަހައްދު ކަނޑައެޅީ ވެސް މި ރަށުގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުންކުރެވޭނެ ގޮތަކަށް ވިސްނާފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްއޭސީއެލްއާ އެއާޕޯޓް ހަވާލުކުރީ، ދެ އަހަރާއި ބައިގެ ތެރޭގައި ނިންމުމަށެވެ. މިއީ އެ އަތޮޅުގެ ރައްޔިތުންނަށް ލިބޭ ހަތަރު ވަނަ އެއާޕޯޓެވެ. ފުނަދޫގައި މިހާރު އެއާޕޯޓެއް އޮވެ އެވެ. އޭގެއިތުރުން ރައީސްގެ މި ދަތުރުފުޅުގައި ބިލެއްފައްސާއި ކޮމަންޑޫގެ އެއާޕޯޓުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.






