Tuesday, November 3
މިލަންދޫގެ މަގު ހެދުމުގެ ދެވަނަ މަޝްރޫޢު އާރުޑީސީ އަށް

ށ. މިލަންދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، އާރްޑީސީއާ ހަވާލުކޮށްފިއެވެ.

މިލަންދޫ މަގުތައް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫޢުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިލަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދުއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.

މި މަޝްރޫޢު އާރްޑީސީއާ ޙަވާލުކޮށްފައިވަނީ 900 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ 134 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރިއަށް ގެންދަވަމުންނެވެ. އެއްވެސް ރަށެއްގެ މަގުތަކުގައި ތާރުއަޅައިގެން ތަރައްޤީކުރުމަށް މަޖުބޫރު ނުކުރައްވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އޭގެބަދަލުގައި ލޯކަލް ޓުއަރިޒަމް ހިންގަމުންދާ ރަށްތަކުގައި ވެލި މަގުތައް ބޭއްވުމަށްފަހު ފެންބޮޑުވުން ފަދަ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ވެހިކަލްތަކާއި މަގު މަރާމާތުކުރުމަށް ބޭނުންވާ އާލާތްތައް ހޯދައިދިނުމަށް ބައެއް ކައުންސިލްތަކުން ހުށަހަޅުއްވާކަމަށް ސަރުކާރުން ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ވަޞީލަތްތައް ސަރުކާރުން ފޯރުކޮށްދީގެން ރައްޔިތުން ބޭނުންވާ ގޮތަށް މައްސަލަތައް ހައްލުކޮށްދެއްވާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު