މި އަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖެއިން ބޭރުކުރި މަހުގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %90.3 އިތުރުވެފައިވާ ކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭގެ ރިޕޯޓްގައިވާ ގޮތުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހާ ހަމައަށް ރާއްޖެއިން ޖުމްލަ 57,318 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ ހަމަ މި މުއްދަތުގައި އެކްސްޕޯޓްކުރެވުނީ 30,125 މެޓްރިކް ޓަނުގެ މަހެވެ. މިއަހަރުގެ އެކްސްޕޯޓް މިންވަރު މިދިޔަ އަހަރަށްވުރެ %90.3 އިތުރުވެފައިވެއެވެ.
ޚާއްޞަކޮށް ތާޒާ، ފިނިކުރި ކަނޑުމަހުގެ ގޮތުގައި މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 51,624 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރެވުނީ 24,980 މެޓްރިކް ޓަނުގެ މަހެވެ. މިކަމުން ދައްކުވައިދެނީ ތާޒާ، ފިނިކުރި ކަނޑުމަހުގެ އެކްސްޕޯޓް %106.7 އިތުރުވެފައިވާކަމެވެ.
ޕްރޮސެސްކޮށްގެން ބޭރުކުރާ މަހުގެ މިންވަރަށް ބަލާއިރުވެސް ވަނީ ކުރިއެރުމެއް ލިބިފައެވެ. މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖެއިން 1,118.8 މެޓްރިކް ޓަނުގެ ޕްރޮސެސްކުރި މަސް އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރެވުނީ 679.2 މެޓްރިކް ޓަނުގެ މަހެވެ. މިއީ ޕްރޮސެސްކުރި މަހުގެ އެކްސްޕޯޓް %64.7 އިތުރުވުމެކެވެ.
ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މަހުގެ ބާވަތްތަށް ކަމަށްވާއިރު، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް، އިޤްތިޞާދުގައި އޭގެ ހިއްސާ ބޮޑުކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.






