އިސްލާމްވިތާ 900 އަހަރު މިއަންނަ އަހަރު ފުރޭއިރު މިއަންނަ އަހަރަކީ އިސްލާމީ ރޮނގުން ފާހަގަކޮށްލެވޭ އަހަރަކަށް ވެގެންދާނެ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އަންނަ އަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭ ބޭއްވޭ ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 50 އަށްވުރެ ގިނަ ޙާފިޡުން ދަސްވެނިވާނެކަމަށް އަންދާޒާ ކުރެވޭ ކަމަށާއި، މި ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 500 ޙާފިޡުން އުފެއްދުން ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ މިއަދު ދެކެމުންމިދާ ކީރިތި ޤުރުއާން މަތިވެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ދުވަސްތައް ދަމަހައްޓަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން މި ސަރުކާރުން ޢިމާރާތް ކުރުމަށް ނިންމާ މަސައްކަތް ކުރަމުންދާ ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފް ޢިމާރާތާއެކު މި ސަރުކާރުގެ އަމާޒަކީ ސަރުކާރުން ޤާއިމް ކުރާ ފަންޑުތަކުގެ އެހީގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާން ހިލޭ ކިޔެވޭނެ ނިޒާމެއް ޤާއިމް ކުރުންކަމަށް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވިއެވެ.





