އިންޓަގްރޭޓަޑް ޓޫރިސްޓް ރިސިސޯޓު ޑިވެލޮޕްމަންޓް މޮޑަލްގެ ދަށުން އައްޑޫ ސިޓީ ހަންކެޑެގައި ފަތުރުވެރިކަން ތަރައްޤީކުރަން ހުޅުވާލައިފިއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ބޮޑުމިނުގައި 7.06 ހެކްޓަރު ހުންނަ ހަންކެޑެގައި ތަރައްޤީކުރަން ބޭނުންވަނީ އެންމެ މަދުވެގެން 1،000 އެނދުގެ ރިސޯޓެއް ކަމަށެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން އެ ވުޒާރާއަށް އީމެއިލް ކުރުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.
އައްޑޫސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވީ މި އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
މި ނިންމެވުމާއެކު، އައްޑޫސިޓީގެ ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަޤުސަދުގައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، އައްޑޫސިޓީގެ ހަންކެޑެ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2 ޑިސެންބަރު 2021 ގައި އެކަށައެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 8/2021 ޤަރާރު، މިއަދު ނެރުއްވާފައިވާ ނަންބަރު 25/2025 ޤަރާރުން ވަނީ އުވައިލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގުމަށް އެ ރަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާ ވަނީ ހަވާލުކުރައްވައިފައެވެ.






