ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ޅ. އޮޅުވެލިފުށީގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ފަށައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު އޮޅުވެލިފުށީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ޅ. އޮޅުވެލިފުށީގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމާއެކު ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލްވެފައިވާކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ.
"މިއީ ވަރަށްވެސް ހާއްސަ ކާމިޔާބީއެއް. މިއަދު އޮޅުވެލިފުށީގައި އޭޓީއެމް ޚިދުމަތް ފެށުމާއެކު، ހއ. ތުރާކުނުން ފެށިގެން މާލެއާ ހަމައަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަޅުގަނޑުމެންގެ އޭޓީއެމް ގާއިމުކުރުމުގެ ލަނޑުދަނޑިވެސް މިވަނީ ހާސިލްކުރެވިފައި"، ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލް އިން ބުނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 193 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 251 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު އެ ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.