އަރޓިފިޝަލް އިންޓެލިޖެންސް، އޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމަށް އަންނަ އަހަރު ބޮޑު ކެމްޕެއިނެއް ފަށްޓަވާނެކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވިއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ޕްރިންސިޕަލުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ މުދައްރިސުންގެ ދުޅަހެޔޮކަމާއި މުދައްރިސުންގެ ތައުލީމީ ފެންވަރު މަތިކުރުމަށްޓަކައި ތަފާތު އެކި ތަމްރީނުތައް ދިނުމާއި މަސައްކަތްތައް ލުއިފަސޭހަކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. މުދައްރިސުންގެ ހުނަރުތައް ތަރައްޤީކުރުމަށް ގިނަ މަސައްކަތެއް ކުރިއަށްވެސް ރޭވިފައިވާކަމަށާއި އެގޮތުން އަންނަ އަހަރު އަރޓިފިޝަލް އިންޓެލިޖެންސް، އޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމަށް ބޮޑު ކެމްޕޭނެއް ފަށްޓަވާނެކަމަށާއި މީގެދަށުން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި މާއްދާތައް ކިޔެވުމަށް ބޭނުންވާ އުކުޅުތަކާއި ފަންނީ ޤާބިލުކަން މަތިކުރުމަށް ދޭންޖެހޭ ތަމްރީންތައް ލިބޭނެކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.
"މިއަންނަ އަހަރުގައި އޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމައްޓަކައި ބޮޑު ކެމްޕޭނެއް ކުރިއަށް ގެންދާނަން. ރޯދަމަހުގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އެކަށީގެންވާ މުއްދަތު ހިމަނާފައިވާނީ. އަޅުގަނޑުމެން ގަސްތުކުރަނީ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި މާއްދާތައް ކިޔެވުމަށް ބޭނުންވާ އުކުޅުތަކާއި ފަންނީ ޤާބިލުކަން މަތިކުރުމަށްޓަކައި ދޭންޖެހޭ ޓްރޭނިންތައް މިމުއްދަތުތެރޭގައި ދެވޭނެކަމަށް" އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.





