Tuesday, November 3
މާލެގެ ބިމާބެހޭ މައުލޫމާތު ހިމެނޭ ޕޯޓަލް ކައުންސިލަރުންނާ ހިއްސާކޮށްފި

މާލެ ސިޓީގެ ބިމާބެހޭ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ތައްޔާރުކޮށް އާންމުކުރި، ޚާއްޞަ 'ލޭންޑް އިންފޮމޭޝަން ސިސްޓަމް" މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރުންނާ ހިއްސާކޮށްފި އެވެ.

ޕަބްލިކަށް މިހާރު އާންމު ކޮށްފައިވާ މި 'ލޭންޑް އިންފޮމޭޝަން ސިސްޓަމް" ގެ ފުރަތަމަ ފޭސް ކައުންސިލަރުންނާ ހިއްސާ ކޮށްފައި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 207 ވަނަ ޖަލްސާގައެވެ.

މާލެ ސިޓީ ކައުންސިލުން "ލޭންޑް އިންފޮމޭޝަން ސިސްޓަމެއް" ޢާންމުކުރި މިއީ ފުރަތަމަ ފަހަރެވެ. އަދި މި ސިސްޓަމްގެ ސަބަބުން، މާލެ ސިޓީގެ ގޭބިސީތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް، އެ ބައެއްގެ ގެދޮރާއި ގުޅޭ މަޢުލޫމާތު ފަސޭހަކަމާއެކު ލިބިގަނެވޭނެއެވެ.

މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މި ނިޒާމު ތައްޔާރު ކޮށްފައިވަނީ މިވަގުތު މާލެ ސިޓީ ކައުންސިލަށް ލިބެން ހުރި ޑޭޓާބޭސްއަށް ބިނާކޮށް ކަމަށެވެ. އަދި މި ނިޒާމަކީ މިވަގުތަށް މުޅިން ފުރިހަމަ ނިޒާމަކަށް ނުވިޔަސް، ކުރިއަށް އޮތް ތަނުގައި ރާވާފައިވާ މަސައްކަތްތަކާއެކު މި ނިޒާމު އިތުރަށް ފުރިހަމަވެ، ޕްލޭންކުރުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއް ޕްލެޓްފޯމެއްގެ ދަށުން މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިވެގެން ދާނެކަން މޭޔަރ ފާހަގަކުރެއްވިއެވެ.

މިނިޒާމު ފައްކާވެގެންދާއިރު ގޯތީގައި ހިންގާ ވިޔަފާރިތަކާއި، ކާރު ގަރާޖް ހުއްދަ ދެވިފައިވާ ނަމަ، އެ މަޢުލޫމާތުތައް ވެސް މި ޕޯޓަލްގައި ހިމެނޭނެއެވެ. ނަމަވެސް، މި މަޢުލޫމާތުތަކުގައި ޒާތީ މަޢުލޫމާތުތަކެއް ހުރެދާނެ ކަމަށް ބެލެވޭތީވެ، މި ޕޯޓަލްގެ ބައެއް މަޢުލޫމާތު ލިބޭނީ "އީފާސް" މެދުވެރިކޮށް އެމީހެއްގެ މަޢުލޫމާތު އެމީހަކަށް އެކަނި ކަމަށް މޭޔަރ ޢާޒިމް ހާމަކުރެއްވިއެވެ.

މާލެ ސިޓީ ކައުންސިލުން މިދިޔަ އަންގާރަ ދުވަހު ކައުންސިލަރުންނާއި ހިއްސާކުރި ލޭންޑް އިންފޮމޭޝަން ސިސްޓަމްގެ ދެވަނަ ފޭސްގައި ލޭންޑް އޮޑިޓުގައި ހިމެނޭ ބިންތަކާއި އެ ބިން ބޭނުންކުރަމުންދާ ގޮތް އަދި ބިންތައް ކުއްޔަށްދީފައިވާގޮތް ދައްކުވައިދޭ ޗާޓުތަކާއި ތަފްސީލުތައް ހިމެނެއެވެ. މީގެ އިތުރުން، ވިލިމާލޭގެ ހުރިހާ ބިމެއްގެ މަޢުލޫމާތު ވެސް، ޑްރޯން އިމޭޖިނަރީ ބޭނުންކޮށްގެން، އެ ބިންތައް ވަކިވަކިން ދެނެގަނެވޭނެ ގޮތަށް ޖިއޯރިފަރެންސް މަޢުލޫމާތުތަކާއެކު ވަނީ ހިމަނާފައެވެ.

ލޭންޑް އިންފޮމޭޝަން ސިސްޓަމް (LIS) މިހާރު ވަނީ، މާލޭގައި ހިމެނޭ ހުރިހާ ކޮށިތަކުގެ ބޮޑުމިނާއި، އެ ކޮށިތަކުގެ ތެރޭގައިވާ ގޯތިތަކުގެ ބޮޑުމިން ފެންނާނެ ގޮތަށް އަދާހަމަ ކުރެވިފައެވެ. މީގެ އިތުރުން، މާލެއާއި ވިލިމާލޭގައިވާ ގެތަކުގެ ޢަދަދާއި، ސުކޫލުތަކާއި، ފިހާރަތަކާއި، އޮފީސްތަކުގެ މަޢުލޫމާތުގެ އިތުރުން، ބިން ބޭނުންކުރެވިފައިވާ އެހެނިހެން ބާވަތްތަކުގެ މަޢުލޫމާތުވެސް ވަކިވަކިން މި ސިސްޓަމުން ފެންނަން ހުންނާނެއެވެ. މި ސިސްޓަމުގެ ދެވަނަ ފޭސް ރައްޔިތުންނަށް ހާމަކުރުމުގެ ކުރިން މައުލޫމާތު ހިއްސާކުރެވޭނެ މިންވަރު ހޯދުމަށް ކައުންސިލުން ވަނީ ކައުންސިލްގެ ލީގަލް ލަފަޔަކަށް އެދިފައެވެ. މޭޔަރ އާދަމް ޢާޒިމް ނިންމަވާފައިވަނީ ހުރިހާ މައުލޫމާތެއް ޤާނޫނުން ތަންދޭ މިންވަރަކުން ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ރައްޔިތުންނާއި ހިއްސާކުރުމަށެވެ.

މިހިނގާ އޮކްޓޯބަރ މަހުގެ އެއް ވަނަ ދުވަހު ތަޢާރަފް ކުރި މި ލޭންޑް އިންފޮމޭޝަން ސިސްޓަމް' އަށް ފަސޭހަ ކަމާއެކު ޝަކުވާ ހުށަހެޅޭނެ ގޮތް ވެސް މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ހަދައެވެ. އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު