މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ގދ.ތިނަދޫ ރިހިވެލި، ރީޝަމް މުޙައްމަދު ޝަރީފް ޢައްޔަންކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ ރީޝަމް ޢައްޔަންކުރައްވާފައިވަނީ، މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާ ފަރާތެއް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން އެމަޤާމަށްކަމަށެވެ.
މިފްކޯގެ ހިންގުން ހަރުދަނާކޮށް މަސްވެރިންގެ އަޑު މިފްކޯގެ ބޯޑުގައި އިއްވާނެ ފަރާތެއް ހިމެނުމަކީ މި ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ހިމެނުއްވި މުހިއްމު ވަޢުދެކެވެ. މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާނެ ފަރާތެއް ޢައްޔަންކުރުމަށްޓަކައި ބޯޑު މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާ ފަރާތެއްގެ ގޮތުގައި ޢައްޔަންކުރައްވާފައިވަނީ ގދ. ތިނަދޫ ރިހިވެލި، ރީޝަމް މުޙައްމަދު ޝަރީފެވެ.
އެސް.ޓީ.އޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން ދިޔަ މިފްކޯ، %100 ސަރުކާރުން ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ސަރުކާރުން ވަނީ ބަދަލުކޮށްފައެވެ.
އެނެމެ ފަހުން މަސްވެރިންގެ ޖަމިއްޔާއިން ރައީސްއާ ބައްދަލުކުރެއްވި އިރު މަސްވެރިން ތަމްސީލް ކުރައްވާ މެމެބަރަކު ނެތުމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި އެދުވަހު އެކަން ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.






