Tuesday, November 3
އަޤްސާއަށް ވަދެގަތުން ސަރުކާރުން ކުށްވެރިކޮށްފި

މަސްޖިދުއް އަޤްޞާގެ އިމުގެ ތެރެއަށް އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުގެ އެހީގައި އިސްރޭލުގެ ވަޒަންވެރިންނާއި އޮފިޝަލުން ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑާލި ކަނޑާލުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އިސްރާއީލުން ހުއްޓުމެއްނެތި ކުރިއަށް ގެންދަމުންދާ ލާއިންސާނީ މި ޢަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނާއި، އިސްލާމީ މުޤައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިސްރާއީލުން ކުރަމުން ގެންދާ ނޭދެވޭ އަމަލެއްކަމުގައި ދިވެހި ސަރުކާރުން ދެކޭކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.

އިސްރާއީލުން ކުރަމުން ގެންދާ ޣައިރު ޤާނޫނީ އަމަލުތަކާއި، އިސްލާމީ މުޤައްދަސު ތަންތަނުގެ ހުރުމަތް ކަނޑާލުމަށް ހިންގޭ އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ބައިނަލް އަޤްވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ގޮވާލާފައެވެ. އަދި އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުމަށްވެސް ގޮވާލަމެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އަސާސީ އުސޫލުތަކާ ޚިލާފަށް އަދި އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކެނޑިނޭޅި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ އަޅާނުލާ ދޫކޮށްލެވިގެންވާނެފަދަ އަމަލުތަކެއް ނޫން ކަމަށް ދިވެހި ސަރުކާރުން ދެކެއެވެ.

ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާނެއެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތައް ނަގަހައްޓައި އިސްރާއީލުގެ ލާއިންސާނީ ހަމަލާތައް ހުއްޓުވައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގެ އިތުރުން، ޕަލަސްތީނު ރައްޔިތުންގެ ސަލާމަތާއި، އިންސާނީ ކަރާމާތައި، އިންސާފު ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު