މި ދަތުރުގެ ތެރޭގައި "ސަޕޯޓް ޕީޕަލްސް ލައިވްލިހުޑްސް އިން ދަ ފިޝަރީ ސެކްޓަރ އިން މޯލްޑިވްސް" މަޝްރޫޢުގެ ދަށުން އާރް.އެސް.ޑަބްލިއު ނިޒާމުތައް ހަރުކުރި ފުރަތަމަ އުޅަނދުތަކަށް ޑޯނަރ މިޝަންގެ ބޭފުޅުން ވަނީ ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގެ މަޤްޞަދަކީ މަސްވެރިންނަށް މި ނިޒާމުތަކުގެ ސަބަބުން ލިބެމުންދާ ފަސޭހަތަކާއި ކުރިއެރުންތައް ގާތުން ދެނެގަތުމެވެ.
ތ. ހިރިލަންދޫ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމެއްގައި، މިނިސްޓަރ އަޙްމަދު ޝިޔާމް އާއި އެލްއެލްއެފް ފަންޑުގެ ޑޯނަރ ވަފުދުގެ މަންދޫބުން ވަނީ ރަށުގެ މަސް ޕްރޮސެސްކުރާ މުޖުތަމަޢުއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) އާއެކު މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި، "ސަޕޯޓް ޕީޕަލްސް ލައިވްލިހުޑްސް އިން ދަ ފިޝަރީ ސެކްޓަރ އިން މޯލްޑިވްސް" މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މާކެޓް ލިންކޭޖް އެސެސްމަންޓާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި އެސެސްމަންޓުގެ މަޤްޞަދަކީ މަސްވެރިކަމުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ދިމާވާ ގޮންތަކާއި، މި ދާއިރާގައި ހުރި ފުރުޞަތުތައް ދެނެގަތުމެވެ.
މިނިސްޓަރ ޝިޔާމް އާއި އެލްއެލްއެފް ފަންޑުގެ ޑޯނަރ ވަފުދުގެ މަންދޫބުން ވަނީ ތ. ހިރިލަންދޫގެ ކުދި ފަންތީގެ މަސް ޕްރޮސެސްކުރާ ތަންތަނަށްވެސް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް މުޖުތަމަޢުއިން އިސްނަގައިގެން ކުރަމުންދާ ކުރިއެރުންތައް ވަފުދުގެ ބޭފުޅުންނަށް ފެނިގެން ދިޔައެވެ. މިފަދަ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްކަމަށް ވަފުދުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
މި ޒިޔާރަތަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުވުމަށް ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.






