ސަރުކާރުން އދ. ކުނބުރުދޫގައި ތަރައްޤީކުރި ފުޓްބޯޅަ ދަނޑާއި، މަލްޓި ސްޕޯޓްސް ކޯޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ކުނބުރުދޫގައި ސަރުކާރުން ތަރައްޤީކުރި ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ދަނޑު ބައްލަވާލައްވައިފައެވެ.
ރަސްމީކޮށް ހުޅުވި ސްޕޯޓްސް ކޯޓުގައި އެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން އެ ކޯޓު ތަރައްޤީކުރީ ވޮލީބޯޅަ އާއި ނެޓްބޯޅައިގެ އިތުރުން ކުޅިވަރުގެ އިތުރު ހަރަކާތްތައް ބޭއްވޭ ގޮތަށެވެ.
President Dr @MMuizzu inaugurates the new multi-purpose court in ADh. Kun’burudhoo. The facility will provide residents with modern space for sports, including volleyball, netball, and other community games, promoting an active and healthy lifestyle across the island.… pic.twitter.com/weGqaoOsA5
— The President's Office (@presidencymv) October 8, 2025
ދެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޠާރިޤުގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު އަދި އެރަށުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.
ކުޅިވަރުގެ ދާއިރާގެ އިތުރުން ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކުރުމަށް ސަރުކާރުން މުޅި ރާއްޖޭގައި ތަރައްޤީކުރަމުން އަންނަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ތަރައްޤީ ކުރުމުގެ މަޝްރޫޢު ވެސް ވަނީ އެރަށުގައި ފަށައިފައެވެ. ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
ކުނބުރުދޫގައި ފުޓްބޯޅަ ދަނޑާއި ސްޕޯޓްސް ކޯޓު ތަރައްޤީކުރުމާއެކު އެރަށުގެ ޒުވާނުން ބޭނުންވި ގޮތަށް ފެންވަރު ރަނގަޅު ވަސީލަތްތައް ވަނީ މަގުފަހިވެފައެވެ.
.






