Saturday, October 31
އައްޑޫ ގެ ފެންނަ ނުފެންނަ ވޯޓް މިމަހުގެ 25ގައި ނަގަން ނިންމައިފި

އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑޫ، ހުޅުދޫއާއި މީދޫއާއި އެއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު މި މަހުގެ 25ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުން މިގޮތަށް ނިންމީ އައްޑޫގެ ތިން ރަށެއްގައި ވަކި ކައުންސިލްތައް ގާއިމުކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން ނިންމެވުމާ ގުޅިގެންނެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެއްވެސް ކަމެއްގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަންގަވަން ހުށަހަޅުއްވާނަމަ އެކަން ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ޤަރާރަކުން ކަނޑައަޅަންވާނެއެވެ. އެއަށްފަހު އިންތިޚާބު ބޭއްވުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް އެ އަތޮޅުގެ ހުޅުދުއާއި މީދުއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އެ ތިން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން އެ ރަށްރަށުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ރަށު ކައުންސިލް އުފެއްދުމަށް އެކި ހުއްޖަތްތަކާއެކު ސަރުކާރަށް ހުށަހަޅާފައިވާތީއެވެ. އެހެންވެ، އެކަމުގައި އައްޑުއަތޮޅު ހުޅުދޫއާއި، މީދޫއާއި އަދި އެތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލުހުރި ގޮތެއް ހޯދުމަކީ މުހިންމު ކަމެއްކަމަށް ސަރުކާރަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގެ ދަށުން ތިން ރަށުގެ ރައްޔިތުންގެ މެދުގައި ވޯޓު ނެގުމަށް ސުވާލުތައް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން ހުޅުދޫ ރައްޔިތުންނަށް ހުށަހަޅުއްވާފައިވަނީ އެ ރަށަށް ޚާއްސަކުރެވިގެން ކައުންސިލް އުފައްދަން ފެނޭތޯ ނުވަތަ ހުޅުދޫއާއި މީދޫ، އެއް ކައުންސިލްގެ ދަށުން ހިންގުމަށް ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯއެވެ.

މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސް ހުށަހަޅުއްވާފައިވަނީ މީދުއަށް ޚާއްޞަކުރެވިގެން، ކައުންސިލް އުފައްދަން ފެނޭތޯ ނުވަތަ ހުޅުދޫއާއި މީދޫ، އެއް ކައުންސިލްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯއެވެ. އަދި ފޭދޫގެ ރައްޔިތުންނަށް ހުށަހަޅުއްވާފައިވަނީ ފޭދޫއަށް ޚާއްސަކުރެވިގެން، ކައުންސިލް އުފައްދަން ފެނޭތޯއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު