މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދާ " ރައްކާ ރޯޑް ޝޯވ" ގއ. އަތޮޅުގައި ފެށުމަށް ހަމަޖެހިއްޖެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި އޮކްޓޫބަރު މަހުގެ 10 އިން 19 އަށް ކުރިއަށްގެންދާ ރައްކާ ރޯޑް ޝޯވ އެކި ޕްރޮގްރާމްތައް 9 ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައެވެ. އެރަށްތަކަކީ ގއ. ވިލިނގިލި، ކަނޑުހުޅުދޫ، ގެމަނަފުށި، ކޮނޑޭ، ދާންދޫ، މާމެންދޫ، ނިލަންދޫ، ކޮލަމާފުށި އަދި ދެއްވަދޫއެވެ.
ރައްކާ ރޯޑް ޝޯވގެ ތެރެއިން ފުރަތަމަ ހަރަކާތްތައް އޮކްޓޫބަރު 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވަނީ ގއ. ވިލިނގިލީގައެވެ. އެގޮތުން އެދުވަހު އެރަށުގައި ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ. މި ހަރަކާތުގެ އިތުރުން ރައްކާ ރޯޑް ޝޯވގައި ތެރެއިން ޓްރެފިކް މޮނީޓަރުންގެ ޕްރޮގްރާމް، ޑްރައިވަރުންނަށް އަމާޒުކޮށްގެން ހިިންގުމަށް ހަމަޖެހިފައިވާ ސެޝަން، ފަހިރާސްތާ ޕްރޮގްރާމް، ދަރިވަރުންނާއި ބެލެނިވެރިން އަދި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް އަދި ވޯކް އެންޑް ޓޯކް ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މީގެއިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖް ހިމެނޭ ބިލްބޯޑު އިފްތިތާހުކުރުމާއި ރޯޑް ސޭފްޓީ ހިނގާލުމަކާއި މަސްރޭހަކާއި ރޯޑް ސޭފްޓީ ކުއިޒް މުބާރާތްތަކާއި ވޮލީބޯޅަ މުބާރާތްތަކާއި ބީޗް ފެސްޓިވަލެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ޑިޕާޓްމަންޓުން އިސްނަގައިގެން ސަރުކާރުގެ އެކި އިދާރާތަކާއި، އަމިއްލަ ޖަމްޢިއްޔާތަކާއި، އުރީދޫ މޯލްޑިވްސް، އެލައިޑް އިންޝުއަރެންސް، އެމްޓީސީސީގެ އެހީއާއެކު ގއ. އަތޮޅުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ގއ. އަތޮޅު ކައުންސިލާ ގުޅިގެންނެވެ.