Tuesday, November 3
އެއްބަސްވުމާ އެއްގޮތަށް ބިދޭސީންގެ ފީތައް ދައްކަމުން ނުދާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ނުދޭން ނިންމައިފި

ބިދޭސީންނާ ގުޅޭ ޖޫރިމަނާ އާއި ފީތައް ދެއްކުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ދައްކަމުން ނުދާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ނުދޭން ނިންމައިފިއެވެ.

މިނިސްޓްރީން މީގެކުރިން ވަނީ ފީތައް ދެއްކުމަށް، އެއްބަސްވުމެއްގެ ދަށުން ލުއިގޮތްތަކެއް ބިދޭސީން ގެންގުޅޭ ފަރާތްތަކަށް ހަމަޖައްސައިދީފައެވެ.

1 ސެޕްޓެމްބަރު 2024ގައި، ހަދާފައިވާ ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން، ފީތައް ދައްކަމުންދާ ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން ދީފައިވާ މުއްދަތުގެ ތެރޭގައި ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްކުރުމަށް ގޮންޖެހުންތައް ހުރިކަމުގެ ޝަކުވާ މިނިސްޓްރީއަށް އަންނަނީ ލިބެމުންނެވެ.

އެހެންކަމުން މި މަހުގެ 10ވަނަ ދުވަހުން ފެށިގެން، ޤަވާއިދުން ފީތައް ދައްކާ ވަޒީފާދޭ ފަރާތްތަކަށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކާ ޚަލާސްކުރުމަށް ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް މިހާރު ވަނީ ނިންމާފައެވެ.

މި އެއްބަސްވުމަށް ގެންނަ ބަދަލުތަކުގެ ތަފްސީލު އެކްސްޕެޓް ސިސްޓަމް ހޯމްޕޭޖް މެދުވެރިކޮށް ވަޒީފާދޭ ފަރާތްތަކަށާއި ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް ލިބޭނެއެވެ.

ފާއިތުވެދިޔަ މުއްދަތުގައި، ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން އެއްވެސް ފައިސާއެއް ދައްކާފައިނުވާ ފަރާތްތަކަށް، އިތުރު އެއްބަސްވުމެއްގެ ދަށުން ފައިސާ ދެއްކުމުގެ ފުރުޞަތު އިތުރަށް ނުދޭން މިނިސްޓްރީން މިހާރު ވަނީ ނިންމާފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އެކްސްޕެޓް ޕޯޓަލްގައި ވަޒީފާދޭ 68،000 ފަރާތް ރަޖިސްޓްރީވެފައިވެއެވެ. ޤަވައިދުން ފީތައް ދައްކަމުން ދަނީ 7،900އެއްހާ މީހުންނެވެ. ބިދޭސީންނާ ގުޅޭ ފީތައް ނުދައްކައިގެން 8،000އަށްވުރެ ގިނަ ފަރާތް، އެކްސްފެޓް ސިސްޓަމުން ވަނީ ސަސްޕެންޑްކޮށްފައެވެ. އެ ފަރާތްތަކުން ދަޢުލަތަށް ލިބެންޖެހޭ 1.7 ބިލިޔަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، ބިދޭސީންނާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރިއަށް ގެންދަމުންނެވެ. ރާއްޖޭގައި ދިރިއުޅެމުންދާ 177،000އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް މިހާތަނަށް ވަނީ ނަގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު