އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ބާވަތްތައް ބާޒާރަށް ނެރުމަށްޓަކައި ތައްޔާރުވަމުން އަންނަ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ ލިސްޓަށް ސަރުކާރުން ވަނީ އިތުރު 23 ބާވަތް އިތުރުކޮށްފައެވެ.
އެސްޓީއޯ މެދުވެރިކޮށް މުހިއްމު ބައެއް ބާވަތްތަކުގެ ކާނާ ރާއްޖެއަށް އެތެރެކޮށް ވިއްކަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކެބިނެޓުގެ މަޝްވަރާގެ މަތިން ނިންމެވީ ފާއިތުވި ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެ ތަރުކާރީއާއި ދިހަ ބާވަތުގެ މޭވާގެ އިތުރަށް އަލުއްވާއި ބިހާއި ފިޔައާއި، ކުކުޅާއި މުގު އެސްޓީއޯއިން ގެނެސް ބާޒާރަށް ނެރެ ހެޔޮ އަގުގައި ވިއްކަން ފެށުމަށް ރައީސް ނިންމެވިއެވެ.
ރައީސްގެ އެ ނިންމެވުމާ ގުޅިގެން އެސްޓީއޯއިންވަނީ އެ ތަކެއްޗަށް އޯޑަރު ޖަހައި އެކި ގައުމުތަކުން އެތަކެތި ރާއްޖެއަށް އެތެރެކުރަން ފަށާފައެވެ. އެގޮތުން އެސްޓީއޯއިން މައުލޫމާތު ދިން ގޮތުގައި މިހާރު އެތަކެތި ރާއްޖެއަށް ގެނައުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ޝިޕްމެންޓުތައް ރާއްޖެއަށް އަންނާނެ ކަމުގައި އެ ކުންފުނިން ބުނެއެވެ.
މިހާރު އެސްޓީއޯއިން ތައްޔާރުވަމުންދަނީ އެތަކެތި ލިބުމާއެކު އެ މުދާ ބާޒާރަށް ނެރެ ހެޔޮ އަގުގައި ވިއްކުމަށެވެ. މިއާއެކު ބާޒާރުގައި ބައެއް ފަހަރު އަގުބޮޑުވާ ކާނާގެ ބާވަތްތައް ހެޔޮ އަގުގައި ދާއިމީ ގޮތެއްގައި ލިބެމުންދާނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ރައީސް ވިދާޅުވި ގޮތުގައި ކާނާގެ ބައެއް ބާވަތްތައް އެސްޓީއޯ މެދުވެރިކޮށް އެތެރެކުރުމަކީ ކާނާގެ ސަލާމަތް ކަށަވަރުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ބައެވެ. އޭގެ ބޭނުމަކީ ސިޔާސީ ބޭނުމަށް އަސާސީ ތަކެތީގެ އަގު ބޮޑުކޮށްގެން ރައްޔިތުންނަށް ގެއްލުން ދިނުމަށް ފުރުސަތު ނުދެއްވުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އިތުރަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ދަނޑުވެރިކަން ފުޅާކޮށް ރާއްޖެއަށް ބޭނުންވާ މިންވަރަށް ބައެއް ތަކެތި ރާއްޖޭގައި އުފެއްދުން ހިމެނޭ ކަމަށެެވެ.






