އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު މީހަކަށް ފަރުވާދީ، ހާލު ރަނގަޅުވެ މިހާރު އޭނާ ސީސީޔޫގައި އެޑްމިޓްކޮށްފައިވާކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗުން ވަނީ މި ހާދިސާއާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާގުޅޭގޮތުން ނޫސް ބަޔާނެއް ނެރެފައެވެ.
އައިޖީއެމްއެޗުން ބުނީ، އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިއަކު މޭގަ ރިއްސައި، އެކިއުޓް މަޔޯކަރޑަލް އިންފާކްޝަން (އެމްއައި ނުވަތަ ހާޓް އެޓޭކް) އެއް ޖެހުނު ހާދިސާއާ ގުޅޭގޮތުން އާންމުންގެ ހުރި ކަންބޮޑުވުންތައް އެ ހޮސްޕިޓަލުގެ ސަމާލުކަމަށް ގެނެވިފައިވާކަމަށެވެ.
އަދި މި ހާދިސާއަށްފަހު ބަލިމީހާއަށް ފަރުވާދީ، ހާލު ރަނގަޅުވެ، މިހާރު އޭނާ ސީސީޔޫގައި އެޑްމިޓްކޮށްފައިވާކަމަށްވެސް އައިޖީއެމްއެޗުން ވިދާޅުވިއެވެ.
ހާޓް އެޓޭކެއް އާންމު ގޮތެއްގައި ޖެހެނީ ޞިއްޙީ ކޮންމެވެސް ސަބަބަކާ ހެދި ލޭހޮޅިތައް ނުވަތަ ލޭ ހޮޅިއެއް ބެދި، ހިތުން ބަޔަކަށް ލޭ ފޮނުވުމަށް އަންނަ ހުއްޓުމަކާ ގުޅިގެންކަމަށާއި، މިއީ އާންމުކޮށް ބަލިމީހާގެ ހުންނަ، ޞިއްޙީ އެހެން މައްސަލައެއް ނުވަތަ މައްސަލަތަކެއްގެ ސަބަބުން ދިމާވާކަމެއްކަމަށް އައިޖީއެމްއެޗުގެ ބަޔާނުގައިވެއެވެ.
އައިޖީއެމްއެޗުން ވަނީ އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ކޮންމެފަރާތަކަށްމެ، އެ ފަރާތެއްގެ ހާލަތަށް ބަލައި އެވަގުތު ދޭންޖެހޭ ފަރުވާ އެންމެ ފުރިހަމައަށް ދޭނެކަމުގެ ޔަޤީންކަން އަރުވާފައެވެ.