ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައީޑީ ކާޑު) ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ހދ. ހަނިމާދޫގައި ފަށައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
The ID card printing service in Hdh. Hanimaadhoo was officially inaugurated by Minister of State Abdul Majeed Ibrahim. Earlier this year, Hdh. Kulhudhuffushi and Hdh. Makunudhoo also introduced ID printing. Three islands in Hdh. Atoll can now issue ID cards on-site. pic.twitter.com/fMaSQkiuOR
— Department of National Registration (@dnrmaldives) October 4, 2025
ޑީއެންއާރުން ބުނީ ހަނިމާދޫގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ސްޓޭޓް މިނިސްޓަރ ޢަބްދުލް މަޖީދު އިބްރާހީމް ކަމަށެވެ. މި އަހަރުގެ ކުރީކޮޅު ހދ. ކުޅުދުއްފުށި އަދި ހދ. މަކުނުދޫގައިވެސް އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ވަނީ ފަށައިފައެވެ. މިއާއެކު ހދ. އަތޮޅުގެ ތިން ރަށަކުން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް މިހާރު ލިބޭނެއެވެ.
އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
ރާއްޖޭއިން ބޭރުގައި އައިޑީކާޑުގެ ޙިދުމަތްތައް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.






