Tuesday, October 13
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ހައްގު ސަރުކާރުން ކަށަވަރުކޮށްދޭނެ: ހާރިޖީ ވުޒާރާ

ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ހައްގު ކަށަވަރުކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ހާރިޖީ ވުޒަރާއިން ދީފިއެވެ.

ހާރިޖީ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އޮކްޓޯބަރު އެއްވަނަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތުން ނެރުނު ބަޔާނެއްގައި، ހުރިހާ އެއްވުންތައް ފުލުހުން ކަަނޑައަޅާ ސަރަހައްދެއްގައި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިންތަކުގެ ތެރޭގައި ބޭއްވުމަށް އިލްތިމާސްކުރި ކަމަށެވެ.

ހަމައެހެންމެ އެއްވުންތައް އިންތިޒަމުކުރާ ފަރާތްތަކާއި، އެއްވުންތަކުގެ ބައިވެރިން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އަދާކުރާ ފަރާތްތަކަށާއި މުއައްސަސާތަކަށް އެއްބާރުލުން ދީ، ހުރިހާ ރައްޔިތުންގެ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމުކުރުމަށްވެސް ކަމާ ގުޅުންހުރި އިދާރާތަަކުން އެދިފައިވާކަން ހާރިޖީ ވުޒާރާއިން ފާހަގަކުރިއެވެ.

ފުލުހުންނާއި މުޒާހަރާ އިންތިޒާމުކުރި ފަރާތާ ދެމެދުގައި މަޝްވަރާކުރެވި ވަކި މަގަކުން މުޒާހަރާ ގެންދިއުމަށް އެއްބަސްވުމަށްފަހު، ރޭގެ މުޒާހަރާގައި ކަނޑައެޅި މަގުން ބޭރުވެ، ވެރިރަށް މާލޭގެ އެންމެ ބޮޑު މަގުކަމަށްވާ މަޖީދީ މަގަށް ވަދެ، އާއްމު އަމަން އަމާންކަން ގެއްލިގެންދާނެ ގޮތަށް އަމަލުކޮށް، ފުލުހުންގެ ބެރިކޭޑުތައް ތަޅައި، ފުލުހުންގެ ހަތިޔާރުތައް އަތުލައި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމަށް ހާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

''މުޒާހަރާގެ ބައިވެރިންގެ ފަރާތުން ފުލުހުންނަށް އިންޒާރު ދިނުމާއި، ހުރަސްއެޅުމުގެ އަމަލުތަކާ ކުރިމަތިލާންޖެހުނު. ރޭގެ މުޒާހަރާއާމެދު ފުލުހުން އަމަލުކުރީ ޒިންމާދާރުކަމާއެކު، ކެތްތެރިކަން އިސްކޮށްގެން'' އެ ވުޒާރާގެ ބަޔާނުގައި ބުންޏެވެ.

އަދި ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އެއްވެއުޅުމުގެ ހައްގާއި، އެއްވެ އުޅުމުގެ ހައްގުގެ ގާނޫނުގައި ބަޔާންކުރާ އުސޫލުތައް ދިވެހި ސަރުކާރުން ދަމަހައްޓާނެ ކަމަށާއި، އެއްވެއުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގަށް ދިވެހި ސަރުކާރުން އަބަދުވެސް އިހުތިރާމުކުރާނެ ކަމުގައި ހާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު