ކޮންމެ ބްރޯޑްކާސްޓަރެއްގެވެސް ޢަޒުމަކަށް ވާން ވާނީ، އިސްލާމީ އޮނިގަނޑަށް ފެތޭ، ދިވެހިވަންތަ، މަންފާހުރި މަޢުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފަހަގަކުރާ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤައުމީ ބްރޯޑްކާސްޓިންގ ދުވަހުގެ ތަހުނިޔާ މި ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް އަރިސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޚަބަރާއި މަޢުލޫމާތާއި މުނިފޫހިފިލުވުން ހިމެނިގެން، ބްރޯޑްކާސްޓް ކުރުމުގައި ކުރެވޭ ހުރިހާ ކަންކަމަކީވެސް ވަރަށް ހީވާގިކަމާއި ޒިންމާދާރުކަމާއެކު ދޭން ޖެހޭ ޚިދުމަތެއްކަމަށެވެ. ކޮންމެ ބްރޯޑްކާސްޓަރެއްގެވެސް ޢަޒުމަކަށް ވާން ވާނީ، އިސްލާމީ އޮނިގަނޑަށް ފެތޭ، ދިވެހިވަންތަ، މަންފާހުރި މަޢުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުމާއި، ޤައުމަށް ރީތި ނަން ހޯދައިދިނުމުގެ މުހިއްމު ބައިވެރިޔަކަށްވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގައި ރަސްމީ ސިފައެއްގައި ބްރޯޑްކާސްޓިންގގެ ޚިދުމަތް ފެށިގެން އައީ ރޭޑިއޯގެ ޚިދުމަތާއެކުގައެވެ. އެއީ މީގެ 63 އަހަރު ކުރިން 29 ޑިސެމްބަރު 1962 ގައެވެ. ބްރޯޑްކާސްޓިންގެ ތެރެއިން ޓީވީގެ ޚިދުމަތް ރާއްޖޭގައި ފެށިފައިވަނީ 1978 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ.





