ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ މައްސަލަތައް ތަޙްޤީޤުކޮށް، ދަޢުވާކުރުމުގެ މަސައްކަތް، އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދިއުމަށް މިއޮފީހާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމުގައި ޕީޖީ އޮފީހުން ބުނެފިއެވެ.
މިގޮތުން ޕީޖީ އޮފީހުން ފެނަކައިގެ ޚިޔާނާތުގެ މައްސަލަތަކަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޚާއްޞަ ސަމާލުކަމެއްދީގެން، އެ މައްސަލަތަކުގެ ތަޙްޤީޤު އަވަސްކޮށްދިނުމަށް އެދި އޭސީސީގައި ދަންނަވާފައިވާ މައްސަލަތަކެއް ކަމަށާއި، އޭސީސީއަށް ރައްދުވާ ގޮތަށް 26 ޖަނަވަރީ 2025 ގައި ނެރެފައިވާ އަމުރާ އެކު، އިރުޝާދެއް ތައްޔާރުކޮށް، އެ އިރުޝާދުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި މި މައްސަލަތަކުގެ ތަޙްޤީޤު ފުރިހަމަކޮށް، ހުށަހެޅުމަށް ދަންނަވާފައިވާ ކަމަށެވެ.
މީގެ އިތުރުން، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކުގައި، ވަކި ބައެއްގެ މައްޗަށް ދަޢުވާނުކުރުމަށް ނިންމާފައިވާ އެއްބަސްވުންތައް ބާޠިލްކޮށް، އެ މައްސަލަތަކުގެ ތަޙްޤީޤު އަވަސްކޮށް ހުށަހެޅުމަށްވެސް 19 ޖަނަވަރީ 2025 ދުވަހު އޭސީސީގައި ދަންނަވާފައި ވާނެ ކަމަށް ޕީޖީން ބުންޏެވެ.
އަދި މި އެއްބަސްވުންތައް ރައްދުވާ މީހުންގެ މައްސަލަތަކުގެ ތަޙްޤީޤު ކުރިޔަށް ގޮސްފައިވާ ހިސާބު ޕީޖީ އޮފީހާ މަޝްވަރާކުރުމަށް 08 އޮކްޓޫބަރު 2025 ދުވަހުގެ ކުރިން ހުށަހެޅުމަށް މިއަދު އޭސީސީއަށް އަންގާފައިވާ ކަމަށާއި، އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ތަޙްޤީޤު ނިންމައި، ދަޢުވާކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަތަކުގައި އެ އޮފީހުގެ އެހީތެރިކަން 24/7 އެންޓި-ކޮރަޕްޝަން ކޮމިޝަންއަށް ލިބޭނޭ ގޮތަށް ކަންކަން މަގުފަހިކުރުމުގެ ބޭނުމުގައި، ޕްރޮސިކިއުޝަން ޓީމްތަކެއް އެކުލަވާލާފައިވާ ކަމަށެވެ.
އަދި މި މައްސަލަތަކުގައި ފުރިހަމަ ފިޔަވަޅު އެޅުމުގެ ގޮތުން، މި މައްސަލަތަކުން ނުޙައްޤު މަންފާ ލިބިފައިވާ އާންމު މީހުންގެ ބައި ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ފުޅާ ތަޙްޤީޤެއް ކުރިޔަށް ގެންދިޔުމަށް ދަންނަވާފައިވާނެ ކަމަށާއި، މި މައްސަލަތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ މަގުފަހިކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.






