ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެ މަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމާއެކު މިއަދު ހަވީރު ސިޓްރަން ރެސްޓޯރަންޓްގައި ބޭއްވި ޚާއްޞަ ސައިފޮދެއްގައި ބައިވެރިވެވަޑައިގެން، ޓީމުގެ ކުޅުންތެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
ފުޓުބޯޅައަކީ ހުރިހާ ދިވެހިން އަދި އެ މަނިކުފާނުވެސް އެންމެ ޝައުޤުވެރިވަޑައިގަންވާ އަދި ބައްލަވާހިތްވާ ކުޅިވަރުކަން ފާހަގަކުރައްވާ، ކުރިއަށް އޮތް ތަނުގައިވެސް ފުޓުބޯޅަ ކުރިއެރުވުމަށް ބޭނުންވާ ކޮންމެ ކަމެއްގައި ކުޅުންތެރިންނަށް ވެސް އެހީތެރިކަން ސަރުކާރުން ލިބޭނެކަމުގެ ޔަޤީންކަންދެއްވިއެވެ. ކުޅިވަރު ކުރިއެރުވުމުގައި ރާއްޖޭގެ ފުޓުބޯޅަ އަށް ޚާއްޞަ އަހައްމިޔަތުކަމެއް ދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މިހާރުވެސް ރާއްޖޭގެ ރަށްރަށުގައި ފުޓުބޯޅަ ތަރައްޤީކުރެއްވުމަށް ކުރައްވާ މަސައްކައްތަކާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުޅިވަރާއި ހަށިހެޔޮކަމަށް ބޭނުންވާ ވަޞީލަތާއި ބިނާރު ތަރައްޤީކުރެއްވުމަށް ކުރައްވާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް، ސައުތު އޭޝިއަން ސުޕަރ ކަޕް 2025 ކާމިޔާބުކުރިކަން ފާހަގަކުރައްވާ ކުރިއަށްއޮތް ތަނުގައިވެސް ރާއްޖެއަށް ރީތި ނަން ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. ރައީސުލްޖުމުހޫރިއްޔާ ވަނީ، ޤައުމީ ޓީމް ކުރައްވަމުން އަންނަ މަސައްކަތަށް ހިތްވަރުދެއްވާ، އަބަދުވެސް ޤައުމީ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
މިއަދުގެ ސައިފޮދުގައި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބުދުﷲ ރާފިޢު، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހީމް ވަޙީދު އަދި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، (އެފް.އޭ.އެމް) ގެ ރައީސް އަޙްމަދު ތާރިޤް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.





