Saturday, October 31
ބީއެމްއެލް އިން ގެދޮރު ގަތުމަށް ދޫކުރާ ފައިނޭންސިންގެ އިކުއިޓީ %5 އަށް ދަށްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެދޮރު ގަތުމަށް ދޫކުރާ ފައިނޭންސިންގެ އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ މިންވަރު %5 އަށް ދަށްކޮށްފިއެވެ.

މިއީ ކުރިން ގެދޮރު ގަތުމަށް ދޫކުރާ ލޯނާއި ފައިނޭންސިންގެ އިކުއިޓީގެ ގޮތުގައި %20 އިން ފެށިގެން ކަނޑައަޅާފައިވާ ނިސްބަތަށް ގެނައި ހެޔޮ ބަދަލެކެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ދިވެހި އާއިލާތަކަށް ގެދޮރުވެރިކަން ހޯދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ދަނީ ހެޔޮ ބަދަލުތައް ގެންނަމުން ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ގެދޮރު ގަތުމަށް ފައިނޭންސިންގ ދޫކުރުމުގައި އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ ނިސްބަތް އެންމެ %5 އަށް ދަށްކުރުމާއެކު ގެދޮރުވެރިވާން ބޭނުންވާ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު މާލީ އެއް ގޮންޖެހުމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"މިސާލަކަށް، 3.5 މިލިއަން ރުފިޔާގެ އެޕާޓްމަންޓެއް ގަންނަން ބޭނުންވާ ފަރާތަކުން ކުރިން %20 ގެ އިކުއިޓީގެ ގޮތުގައި 700,000 ރުފިޔާ ހޯދަން ޖެހުނު ނަމަވެސް، މި ބަދަލާއެކު އެ އަދަދު މިވަނީ 175,000 ރުފިޔާއަށް ދަށްވެފައި"، ޝަރީފް ވިދާޅުވިއެވެ.

ދާދި ފަހުން ބޭންކުން ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް އިތުރު ރަހުނަކާ ނުލައި ދޫކުރާ ލޯނުގެ އަދަދު 3 މިލިއަން ރުފިޔާއަށް ބޮޑުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު