މި އަހަރު ނިމުމުގެ ކުރިން މާލޭގައި 3،000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލެ ސަރަހައްދުގައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ.
އެކަމަށް ހައްލު ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މި ސަރުކާރުން، މި އަހަރު ނިމުމުގެ ކުރިން މާލޭގައި 3000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގަން ހަމަޖެހިފައިވާ 4،000 ހައުސިން ޔުނިޓުގެ އިތުރަށް، ސަރުކާރުން ހިންގާ 3000 ހައުސިން ޔުނިޓުގެ މަސައްކަތްކަމަށް ރައީސް ވިދާޅުވިއެވެ.
"މާލޭގައި އެންމެ މަދުވެގެން 3،000 ހައުސިން ޔުނިޓުގެ މަޝްރޫއެއް އިރާދަކުރެއްވިއްޔާ މި މާލެ ސިޓީގައި މި އަހަރު ނިމުމުގެ ކުރިން ފަށާނަން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ވަރަށް އަވަހަށް ލައިން އޮފް ކްރެޑިޓްގެ ދަށުން ތަރައްގީކުރާ ފްލެޓްތަކުގެ މަސައްކަތް ވެސް ފެށޭނެ ކަމަށެވެ.
"އަޅުގަނޑު ރައްޔިތުންނަށްވީ އެންމެ ބޮޑު އެއް ވައުދު ބޯހިޔާވަހިކަން މިއީ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން އެޅި ފްލެޓްތައް ވެސް، އެއްވެސް އުނިއިތުރެއް ނުގެނެސް، ވައުދުވެވަޑައިގެންނެވި ގޮތަށް ހަވާލުކުރަމުން އަންނަ ކަމަށެވެ.






