އާދިއްތަ, November 1
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން އެއްވަނަ ހޯދާ ފަރާތްތަކަށް ތަޢުލީމް ޙާސިލް ކުރުމަށް ރައީސްގެ ޚާއްޞަ ސްކޮލަރޝިޕެއް
މިއަހަރުން ފެށިގެން ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ، މުޅި މުބާރާތުން 1ވަނަ ހޯދާ ފަރާތްތަކަށް ޕީ.އެޗް.ޑީ. ހާސިލުކުރުމާ ހަމައަށް ތަޢުލީމު ހާސިލުކުރުމަށް ޚާއްޞަ ސްކޮލަރޝިޕެއް ދެއްވުމަށާއި، މި ވަނަތަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. އެ މަނިކުފާނު މިގޮތަށް ނިންމެވިކަން އިޢުލާނުކުރައްވާފައިވަނީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމުތައް ދެވޭ މުބާރާތަށް، މިއަހަރުން ފެށިގެން ހައްދަވާނެކަމުގައި މިދިޔަ އަހަރު ބޭއްވެވި 36 ވަނަ ޤައުމީ ޤުރްއާން މުބާރާތުގެ އިނާމު ދެއްވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާނުކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި، އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ގޮތުގައި އެންމެ ބޮޑަށް ހިތްވަރު ދޭންޖެހޭނީ، އަދި އެންމެ ބޮޑެތި އިނާމްތަކެއް ދެވެންވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް ކަމުގައި ވިދާޅުވެފައިވެއެވެ. މިގޮތުން މިއަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް، އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން، ބޭނުން ޤައުމަކުން ޕީއެޗްޑީއާއި ހަމަޔަށް ތަޢުލީމް ޙާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދެއްވުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ. އަދި މުޅި މުބާރާތުން މި ދެންނެވި 3 ބައިން 1 ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން، މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއްވެސް ހިމެނޭނެއެވެ. މިއަހަރުން ފެށިގެން މި އިނާމުތައް ދެއްވުމަށް ކަނޑައެޅުއްވިއިރު، މުބާރާތުގެ އެހެނިހެން އުމުރުފުރާތަކުން މަތީ ވަނަތައް ހޯދާ ފަރާތްތަކަށް ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަކޮށް، އަގުވެސް ބޮޑުކުރައްވާނެއެވެ. އަދި އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުޞަތުވެސް އިތުރަށް ފަހިކުރައްވާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު