ކޮރަޕްޝަނާއި މަޤާމުގެ ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތަކާ ބެހޭ ކޮންފަރެންސެއް ބާއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން ނިންމައިފިއެވެ.
ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކި ސަރުކާރުތަކުގައި ނިޒާމީ ގޮތެއްގައި ހިންގާފައިވާ ކޮރަޕްޝަނާއި މަޤާމުގެ ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ބަލާ، ތަހުލީލުކުރުމަށް ބާއްވާ މި ކޮންފަރެންސްގައި، ޤާނޫނީ ތަޖުރިބާކާރުންނާއި މަދަނީ މުޖުތަމަޢުގެ ލީޑަރުންނާއި ނޫސްވެރިންނާއި ބައިނަލްއަޤްވާމީ އޮބްޒާވަރުން ބައިވެރިވާނެ ކަމަށެވެ.
އަދި މި ކޮންފަރެންސްގެ ހަރަކާތްތަކުގެ ތެރޭގައި މުއައްސަސާތަކާއި ސިޔާސީންގެ މެދުގައި ބިންވަޅު ނެގިފައިވާ ކޮރަޕްޝަންގެ ޢަމަލުތަކުގެ މައްޗަށް ފުޅާ ދާއިރާއެއްގައި ނަޒަރު ހިންގާ ބަލާ، ގަނޑަށް އެކަންކަން ތިރިކުރެވޭނެ ކަމަށާއި، އެއާދަކާދަ ބަދަލުކުރަން ބޭނުންވާ ބައިނަލްއަޤްވާމީ އަދި އެތެރޭގެ އެހީއާއި ހަރަކާތްތެރިކަމަށްވެސް މި ކޮންފަރެންސް މެދުވެރިކޮށް މަފުގަހިކުރެވޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރައީސް ނަޝީދުގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ކޮންފަރެންސްގައި ވިސްލްބްލޯވަރުންނާއި ކޮރަޕްޝަންގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހެކިބަސް ނެގޭނެ ކަމަށާއި، ލިޔެކިޔުން މުތާލިޔާކޮށް، ބަލާ، ޤާނޫނީ އިޞްލާޙުތަކާއި ދެފުށްފެންނަ އިޖުރާޢަތުތަކާއި އުސޫލުތައް އަދި ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން އިސްތިރާޖީ މަޝްވަރާތައް ހިންގޭނެއެވެ. މި މަސައްކަތުން ޖަވާބުދާރީވާ ވެރިކަމުގެ ފަރާތުން ބާރާއި ނުފޫޒު ނުފޯރުވޭ އަދި ސަރުކާރުތައް ބަދަލުވުމުން އުވާނުލެވޭނެ ފާރަވެރިވުމުގެ އޮނިގަނޑުތަކާއި އިޖުރާއަތުތައް ޤާއިމްކުރުމުގެ މަގަށް އަލި ކުރާނެ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ކޮންފަރެންސްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ކުރީގެ ގަވަރުނަރު އަދި ފައިނޭންސް މިނިސްޓަރުގެ މަޤާމު ކުރިން ފުރުއްވާފައިވާ ޢަލީ ހާޝިމާއި އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަޤާމު ކުރިން ފުރުއްވާފައިވާ މަޙްމޫދު ރާޒީގެ ބައިވެރިވުމާއި އެހީތެރިކަން ލިބޭނެއެވެ.
ރައީސް ނަޝީދުގެ އޮފީހުން ބުނީ މި ކޮންފަރެންސް ބާއްވާ ތަނާއި، ތާރީޚް އަދި އެޖެންޑާއާއި ރަޖިސްޓްރީވާނެ ގޮތުގެ ތަފްޞީލް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އާންމު ކުރެވޭނެ ކަމަށެވެ.