އާދިއްތަ, November 15
ޓްރެފިކް ޕޮލިސް ފޯރަމް 2025 ފަށައިފި

ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަނުން ކުރިއަށްގެންދާ ޓްރެފިކް ޕޮލިސް ފޯރަމް 2025 ފަށައިފިއެވެ.

ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގގައި މިއަދު ފެށި މި ފޯރަމް ފައްޓަވައިދެއްވީ މާލެ ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ އެވެ.

ފުލުހުން ބުނީ މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމްގެ މަގުސަދަކީ މާލެ ސިޓީ ސަރަހައްދުގައި ޓްރެފިކް ފުލުހުންގެ މަސައްކަތްތައް ހަރުދަނާކޮށް ރައްޔިތުން އެދޭފަދަ ހިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމާއި ޓްރެފިކް މެނޭޖުކޮށް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެފަދަ ކަންކަން ހައްލުކުރުމަށްޓަކައި ކުރެވިދާނެ މަސައްކަތްތައް ދެނެގަތުން ކަމަށެވެ.

މިގޮތުން މި ފޯރަމުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށް ބަދަލުކުރެވޭ މައުލޫމާތުތަކުގެ އަލީގައި، އުންމީދުކުރާ ނަތީޖާ ހާސިލުކުރުމުގެ ގޮތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމުގައި ހުރި މުހިންމު ގޮންޖެހުންތައް ދެނެގަންނަން ފަސޭހަވެގެންދާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި މަގުތަކަށް ގެނެވޭނެ ބަދަލުތައް ދެނެގަތުމާއި ޓްރެފިކް އޮޕަރޭޝަންތަކަށް ހުރި ގޮންޖެހުންތައް ދެނެގަތުމާއި، ގަވާއިދާ ހިލާފަށް ހުންނަ އުޅަނދުތައް ޓޯވކުރުމާއި ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމުގައި އަމަލުކުރެވިދާނެ އިތުރު ހަރުދަނާ ނިޒާމެއް ދެނެގަނެ ، އެކްސިޑެންޓް ސީންއެއް ރައްކާތެރިކޮށް ކޯޑިނޭޓްކުރުމުގައި ގެންގުޅެވިދާނެ ހަރުދަނާ ނިޒާމެއް ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ބުނީ މީގެ އިތުރުން ވެސް، އާންމުކޮށް އެކްސިޑެންޓް ހިނގާ ސަރަހައްދުތައް ދެނެގަނެ، އެކްސިޑެންޓްތައް މަދުކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމާއި ހާއްސަކޮށް ޓްރެފިކް ނިޝާންތަކާއި، ޓްރެފިކް ބައްތި، ރައުންޑް އަބައުޓްސް އަދި ޓްރެފިކް ފްލޯތައް އެކުލަވައިލާފައިވާ ގޮތާމެދު މަޝްވަރާކޮށް އިތުރަށް ރަނގަޅުކުރުމަށް ކުރެވެންހުރި ކަންކަން ދެނެގަތުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު