މާޅޮސްމަޑުލު އުތުރުބުރީ 7 ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ދޭން ފަށައިފިއެވެ.
މިރަށްރަށުގައި އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވީ، އެ ރަށުގައި މިކަމަށްޓަކައި ބޭއްވި ރަސްމީއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެވެ. މި ރަސްމީއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުންނާއި އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރ އަތޮޅުގައި މިއަދު އޭޓީއެމްގެ ޚިދުމަތް ފެށީ އަލިފުށި، ވާދޫ،ރަސްގެތީމު، އަނގޮޅިތީމް، ހުޅުދުއްފާރު، މާކުރަތު، އިންނަމާދޫ އަދި ރަސްމާދޫގައެވެ. މީގެ އިތުރުން މި ޚިދުމަތް މިހާރު ނުފެށިހުރި ރަށްރަށުގައި މި ޚިދުމަތް ފަށާނެއެވެ.
ރަސްގެތީމުގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމަޢު ކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާރވިސް އޭޓީއެމްއެކެވެ.
މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކުގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ބުރުގައި 9 ރަށެއްގައި އޭޓީއެމް ޚިދުމަތް ފަށާފައެވެ. މިއާއެކު އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓިގެންދާނެއެވެ. އަދި އަލިފުށީގައި ބީއެމްއެލް ބްރާންޗެއްގެ ޢަމަލީ މަސައްކަތް ފަށާނެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ ތެރެއިން މިހާތަނަށް 15 އަތޮޅެއްގައި މި ޚިދުމަތް ވަނީ ފަށާފައެވެ.