ދުނިޔޭގެ ހިތުގެ ދުވަހަކީ ހިތުގެ ދުޅަހެޔޮކަމާއި ބެހޭ ގޮތުން އާންމުން ހޭލުންތެރިކޮށް، ހިތުގެ ބަލިތަކަށް ހުށައެޅޭ ހިރާސްތައް ކުރިއާލާ ދެނެގަނެ ރައްކާތެރިވެތިބުމަށް ދިރިއުޅުން ބައްޓަން ކުރާނެ ގޮތާއި ހިތުގެ ބަލިތަކުގެ ނުރައްކާ ޢާންމުންނަށް އަންގާ ޢާންމުން ހޭލުންތެރިކުރުމެވެ. ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު މުޅި ދުނިޔޭގައި ވަކި ޝިޢާރެއްގެ ދަށުން އެކި ހަރާކާތްތައް ކުރިއަށް ގެންދެވެއެވެ. މިގޮތުން މި އަހަރުގައި ހިތުގެ ދުވަހުގެ ޝިޢާރަކީ "Don’t Miss a Beat" އެވެ. މި ޝިޢާރުގެ މަޤުޞަދަކީ މި ދުވަހާ ގުޅިގެން ކޮންމެ މީހަކުވެސް، ހިތުގެ ބަލިން ރައްކާތެރުވުމަށް ކުރެވިދާނެ ކަންތައްތައް އަމަލީ ގޮތުންކޮށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެނައުމެވެ. އޭގެ ތެރޭގައި އެކި ބާވަތުގެ ކަސްރަތުކުރުމާއި ދުޅަހެޔޮކޮން ކެއުމުގެ ވައްޓަފާޅި ބައްޓަންކުރުން ހިމެނެއެވެ.
ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ ސަބަބަކީ ކާޑިއޯ ވެސްކިއުލަރ ޑިޒީޒް (ސީވީޑީ) އެވެ. ދިވެހިރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ނިސްބަތުން ގިނަވެ، މަރުވާ މީހުންގެ %84 އަކީ މިފަދަ ބަލިތައް ތަޙައްމަލް ކުރާ މީހުންނެވެ. މީގެ ތެރެއިން މަރުވާ %36 މީހުންނަކީ ހިތުގެ ބަލީގައި މަރުވާ މީހުންނެވެ. ރާއްޖޭގައި މި ބަލި މަދުކުރުމަށް ބަޔަށް ހުށައެޅުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ކުރަން ޖެހޭ ސްކްރީނިންތައް ފަސޭހަކަމާއެކީ ކުރުމަށް ޕްރައިމަރީ ހެލްތު ކެއަރ ނިޒާމުގެ ތެރެއިން ދަނީ މަސައްކަތް ކުރެވެމުންނެވެ.
ދުރާލާ ބަލިދެނަގަތުމަށް ޕްރައިމަރީ ހެލްތުކެއަރ ގެ ނިޒާމު
ޕްރައިމަރީ ހެލްތުކެއަރގެ ނިޒާމަކީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށާއި ސްކްރީންކޮށް ބަލިދެނެގަތުމަށާއި ބަލިބޮޑުވަރުވިޔަނުދީ ބެލެހެއްޓުމަށް ބާރުއަޅާ، ބަލިމީހުންނާއި އެމީހުންގެ އާއިލާތަކާއެކު މަސައްކަތްކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމުކޮށް ހިންގޭ ޞިއްޙީ ޚިދުމަތުގެ ނިޒާމެވެ. މި ނިޒާމުގެ ދަށުން ޖުލައި 2025 ގެ ނިޔަލަށް ފުރަތަމަ ފޭސް ނިމުނު އިރު ޖުމްލަ 10 އަތޮޅެއްގެ ޞިއްޙީ ދާއިރާގެ ގިނަ ޚިދުމަތްތެރިންނަށް ކަމާ ގުޅޭ ތަމްރީނުތައް ދެވިފައެވެ. އެއީ (އދ، ނ، ޅ، ތ، މ، ބ، ދ، ރ، ގދ، ފުވައްމުލައް) ގައިއެވެ. ބާކީ ހުރި އަތޮޅުތަކުގެ ތަމްރީނުތައް 2026 ވަނަ އަހަރުގެ ފުރަތަމަ ހަތަރުމަސް ތެރޭގައި ނިންމާލުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. މިދެންނެވުނު 10 އަތޮޅުގައި، ތަމްރީނު ލިބިފައިވާ މަސައްކަތްތެރިން މިހާރު ވަނީ އެ ސަރަޙައްދުތަކުގެ އާބާދީގައި ދިރިއުޅޭ 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންގެ މަޢުލޫމާތު އޮންލައިން ޑާޓާ ސިސްޓަމް ޑީ.އެޗް.އައި.އެސް 2 ގައި ރަޖިސްޓްރީކޮށް ބަލަހައްޓަން ފަށާފައެވެ. މިގޮތުން މައުލޫމާތު އަދާހަމަކުރުމުގައި އުމުރުން 35 އަހަރުން މަތީގެ މީހުން ގައިން ގަޔަށް ނާރާ ބަލިތަކަށް ސްކްރީންކޮށް އެމައުލޫމާތުތައް ފުރިހަމަކުރަމުން ގެންދެވެއެވެ. މީގެ ތެރެއިން 24773 މީހުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގައިންގަޔަށް ނާރާ ބަޔަށް ސްކްރީން ކުރެވިފައިވެއެވެ. ލޭ މައްޗަށް ދާ މީހުންގެ 4461 މީހުން ރިކޯޑް ކުރެވިފައިވެއެވެ. ހިތުގެ ބަޔަށް މީހުން ހުށައެޅޭ ހިރާސްތަކުގެ ތެރެއިން ލޭ މައްޗަށް ދިއުން ހިމެނެ އެވެ.

ހިތުގެ ދުޅަހެޔޮކަން
ހިތުގެ ދުޅަހެޔޮކަމަށް ރައްކާތެރިވުމަށްޓަކައި ރަނގަޅު ކެއުމުގެ ވައްޓަފާޅިއެއް ބައްޓަންކުރަންޖެހެއެވެ. އޭގެ ތެރޭގައި ކެއުމުގައި ތަރުކާރީއާއި މޭވާ އަދި ޕްރްޓީންސް ހިމެނުމާއި، ސަރުބީއާއި ކޮލެސްޓްރޯލް ހިމެނޭ ކާނާ މަދުކުރުން ހިމެނެއެވެ. އަދި ލޭގެ ޕްރެޝަރ ދަށްކުރުމައްޓަކައި ހަކުރު އަދި ލޮނު ބޭނުން ކުރާ މިންވަރު މަދުކުރަން ޖެހެއެވެ. ކެއުމުގެ ވައްޓަފާޅި ބައްޓަން ކުރުމުގެ އިތުރުން ކަސްރަތުކުރުމާއި ހެލިފެލިވެ އުޅުމަކީ ހިތުގެ ދުޅަހެޔޮކަމައްޓަކައި ފަރުވާތެރިވާން ޖެހޭ މުހިންމު އެއް ކަމެކެވެ. ކަސްރަތުކުރުމުގެ ސަބަބުން ލޭގެ ދައުރުވުން ރަނގަޅުކޮށްދީ، ފަލަވުމާއި ލޭމައްޗަށް ދިއުން ފަދަ ނުރައްކާތެރި ކަންތައްތައް މަދުކޮށްދީ ހިތް ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. ކޮންމެ ހަފްތާއަކު މަދުވެގެން 150 މިނެޓް ވަންދެން ހިނގާލުން، ފެތުން ނުވަތަ ބައިސްކަލް ދުއްވުން ފަދަ އާދައިގެ އެރޮބިކް ކަސްރަތުތަކެއް ކުރުމަށް އަމާޒު ހިފާށެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލުން ދުރުހެލިވުމަކީ ހިތުގެ ދުޅަހެޔޮކަމަށް އަޅަންޖެހޭ މުހިންމު އެއް ފިޔަވަޅެވެ. ސަބަބަކީ ދުންފަތަކީ ހިތުގެ ބަލިތައް ކުރިމަތިކުރުވާ މައިގަނޑު އެއް ސަބަބު ކަމުގައި ވާތީއެވެ. ދުންފަތުގެ ސަބަބުން ހިތުގެ ލޭނާރުތައް ހަލާކުވެ، ލޭގެ ޕްރެޝަރު މަތިވެ، ހުންނަންޖެހޭ ކޮލެސްޓްރޯލް ލެވެލް ދަށްވެގެން ދެއެވެ. ހަމަ އެއާއި އެކު، ރަނގަޅު ބަރުދަނެއް ދެމެހެއްޓުމަކީ ހިތުގެ ބަލިތަކުން އަދި އެހެނިހެން ބަލިތަކުންވެސް ރައްކާތެރިކުރުމަށް ކުރަންޖެހޭ މުހިންމު ކަމެކެވެ. މީގެ އިތުރުން ނަފުސާނީ ޞިއްޙަތާ މެދު ސަމާލުވެ، ދުރާލާ ބަލި ދެނެގަތުމަށް ޓެސްޓްކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާ، ބަލި ޖެހުމުން ޤަވާޢިދުން ކާންޖެހޭ ބޭސްތައް ކެއުން ފަދަ ކަންތައްތައް ހިމެނެއެވެ.
ހިތުގެބަލީގެ ނުރައްކަލުން ސަލާމަތް ވުމަށް ސަމާލުކަންދޭންވީ ކަންތައްތައް
- ޞިއްޙީ ގޮތުން ރައްކާވެ ތިބުމަށް އާދަވެ ޓެސްޓުތައް ހަދައި ބަލަމުން ދިއުން.
- އާދަވެ ކޮލެސްޓްރޯލް، ލޭގެ ޕްރެޝަރު، ހަކުރު ހުންނަންވާ މިންވަރަށް ސަމާލުކަން ދިނުން.
- ލޭގެ ޕްރެޝަރު ދެނެގަތުން. (ލޭގެ ޕްރެޝަރު މައްޗަށް ދިއުމަކީ ހިތުގެ ބައްޔަށް ހުރި އެންމެ ބޮޑު ނުރައްކަލެވެ. އަދި ނޭނގި ހުއްޓާ ފުރާނަ ދިއުމަށް (ކުއްލި މަރު) މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަށް ވެގެންދެއެވެ. ޤަވާޢިދުން ލޭގެ ޕްރެޝަރު ނުބަލާ ކަމުގައިވާނަމަ މިކަމުގެ އެއްވެސް ޢަލާމާތެއް ނުފެނި ހުއްޓާ ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ.)
- އިސްކޮޅާ އެކަށީގެންވާ ބަރުދަނެއް ހުރިތޯ ބެލުމާއި ލޭގައި ކޮލެސްޓްރޯލް ހުރި މިންވަރު ބެލުން.
- ޤަވާޢިދުން ޑޮކްޓަރަށް ދައްކައި ލޭގައި ކޮލެސްޓްރޯލް ހުރި މިންވަރު ދެނެގަތުން މުހިންމު.
- ޤަވާޢިދުން ބަރުދަން ހުންނަވަރު ބަލައި، އިސްކޮޅާއި އެކަށީގެންވާ މިންވަރަށް ބަރުދަން ހުރިތޯ ބެލުން.






