ދިވެހިރާއްޖެ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި އޮތްއޮތުން ދެމެހެއްޓުމާއި ހަރުދަނާކުރުމުގައި ޕާޓްނަރޝިޕްތަކުގެ މުހިންމުކަން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ފާހަގަކުރައްވައިފިއެވެ. ވަޒީރު އެހެން ވިދާޅުވީ، 27 ސެޕްޓެމްބަރު 2025 ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެމެރިކަން އެކްސްޕްރެސްއާ ގުޅިގެން އަލުން ތަޢާރަފުކުރެވުނު "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިން ހަފްލާގެ ޝަރަފްވެރި މެހެމާންގެ ގޮތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، ފަތުރުވެރިކަމަކީ ދިވެހިރާއްޖޭގެ އިގްތިޞާދުގައި މައި ދައުރު އަދާކުރަމުންދާ ދާއިރާކަމަށާއި، އެއީ ދިރިއުޅުން ބައްޓަންކުރުމާއި، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، އާންމު ޚިދުމަތްތައް ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ގުދުރަތީ ރީތިކަމާއި މެހެމާންދާރީއަށް ދުނިޔޭގައި މަޝްހޫރު ގައުމެއްކަމުގައި ވީނަމަވެސް، މި ކާމިޔާބީ ދެމެހެއްޓުމަށްޓަކައި ފެންވަރު ރަނގަޅު އަދި އެކަށީގެންވާ އެއްބާރުލުން ބޭނުންވާކަމަށް ފާހަގަކުރެއްވިއެވެ.
"އެކްސްޕީރިއަންސް މޯލްޑިވްސް އިން އަޅުގަނޑުމެންނަށް މިކަން ހާސިލުކުރެވެނީ މަތީ ފަންތީގެ ފަތުރުވެރިންނަށް ގަބޫލުކުރެވޭ އޮފަރތަކެއް ހުށަހަޅައި، އަދި ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީ އުޅަނދުތަކާއި، އަދި ރަށްރަށުގެ ވިޔަފާރިތަކަށް އެހީތެރިވެދިނުމުގެ ތެރެއިން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވެފައިވަނީ މި ތަޢާރަފުކުރެވުނު ދެ އަހަރުގެ ޕްރޮގްރާމުން ފަތުރުވެރިކަން މަޑުޖެހޭ މޫސުމުގައި ޑިމާންޑް އިތުރުކޮށް، ދިގު މުއްދަތަށް ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ހިތްވަރުދީ، އަދި ވެލްނެސް، ކެއުން-ބުއިން، އެކްސްކާޝަންތައް އަދި ޝޮޕިންގ ފަދަ އިތުރު ދާއިރާތަކުން ޚަރަދުކުރުން އިތުރުކުރުވާނެ ކަމަށެވެ.
ބީއެމްއެލްއާއި އެމެރިކަން އެކްސްޕްރެސްއާ ދެމެދު އޮތް ދިގު މުއްދަތުގެ ޕާޓްނަރޝިޕް ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވެފައިވަނީ ވޭތުވެދިޔަ 20 އަހަރަށްވުރެ ގިނަ އަހަރު ވަންދެން ބީއެމްއެލްއަކީ ދިވެހިރާއްޖޭގައި އެމެރިކަން އެކްސްޕްރެސްގެ ހަމައެކަނި ކާޑު ދޫކުރާ އަދި ބަލައިގަންނަ ފަރާތްކަމަށެވެ. އަދި މިއީ ހަމައެކަނި ވިޔަފާރީގެ އެއްބަސްވުމެއް ނޫންކަމަށާއި، މިއީ ޤައުމުގެ މާލީ އިންފްރާސްޓްރަކްޗަރގެ ބައެއްކަމަށާއި، މެހެމާނުންނާއި، ވިޔަފާރިތަކާއި، އަދި މުޅި އިޤްތިޞާދަށް ފައިދާކުރާ ރައްކާތެރި އަދި އިތުބާރުހުރި މުޢާމަލާތްތައް ކަށަވަރުކޮށްދޭ ކަމެއްކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވެފައިވާ ގޮތުގައި ފަތުރުވެރިކަމުގެ ފައިދާ ފުޅާކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، މަޓީއާއި، އެހެނިހެން ޖަމްޢިއްޔާތަކާއި، އަދި އަމިއްލަ ދާއިރާއާއެކު މަސައްކަތްކުރުމަށް ސަރުކާރުން އަޒުމު ކަނޑައަޅާފައިވާކަމަށެވެ. އަދި ދިވެހިރާއްޖޭގެ މަތީ ފަންތީގެ މަޤާމު ދެމެހެއްޓުމަށްޓަކައި މަތީ ފެންވަރުގެ ޚިދުމަތްތަކާއި، ފަސޭހަ ދަތުރުފަތުރާއި، އަދި ތިމާވެއްޓަށް އަހަންމިއްޔަތުކަން ދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
"ޕާޓްނަރޝިޕްތަކަކީ ކުރިއެރުމުގެ އިންޖީން. ޤައުމީ ބޭންކާއި، ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ލީޑަރަކާއި، ސަރުކާރުގެ އިދާރާތަކާއި، ޞިނާޢަތުގެ ޖަމްޢިއްޔާތަކާއި، އަދި ވިޔަފާރިތަކާ ދެމެދުގައި މިރޭ އަޅުގަނޑުމެންނަށް ފެންނަ މި އެއްބައިވަންތަކަން މިއީ ދެމެހެއްޓެނިވި ކުރިއެރުން ހޯދައިދޭ ގޮތް،" މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.
އިތުރު ޕާޓްނަރުން އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިނުގައި ބައިވެރިވުމަށް ހިތްވަރުދެއްވައި، ފުޅާ ދާއިރާއެއްގައި ބައިވެރިވުމުން ބައިނަލްއަޤްވާމީ މާކެޓްތަކުގައި ދިވެހިރާއްޖޭގެ މަގްބޫލްކަން އިތުރުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވުމަށް ބީއެމްއެލްއާއި އެމެރިކަން އެކްސްޕްރެސްއިން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކުރައްވައި، މުޅި ރާއްޖޭގެ ވިޔަފާރިތަކަށް މި ކެމްޕޭނުން ލިބޭ ފުރުޞަތުތަކުގައި ބައިވެރިވުމަށް ދަޢުވަތު ދެއްވިއެވެ.
އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިނަކީ 2017 ގައި ފުރަތަމަ ފެށި ކެމްޕޭނެކެވެ. މިއީ މި ކެމްޕެއިން ހިންގާ ހަތަރުވަނަ ފަހަރެވެ. އައު ސިފައެއް ގެނެވިފައިވާ މި ޕްރޮގްރާމް ހިންގޭނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. މި ޕްރޮގްރާމްގެ ދަށުން އެމެރިކަން އެކްސްޕްރެސް ކާޑު މެމްބަރުންނަށް ރާއްޖޭގެ ފަތުރުވެރިކަމާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ވިޔަފާރިތަކުގެ ތެރެއިން ފުޅާ ދާއިރާއެއްގައި ޚާއްޞަ އިނާޔަތްތަކެއް ލިބިދެވޭނެއެވެ.






