ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން 2025 ވަނަ އަހަރުގެ އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 156 ކުދިން ކަމަށް ސޯޝަލް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެގޮތުން، ހިމެނެނީ 83 ފިރިހެން ކުދިންނާއި 73 އަންހެން ކުދިން ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
ހަމައެހެންމެ، އޮގަސްޓު މަހު ދައުލަތުގެ ބެލުމުގެ ދަށަށް 08 ކުދިން ނެގިފައިވާކަމަށް މި ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން، އޮގަސްޓު މަހު ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވަނީ 04 ފިރިހެން ކުދިންނާއި، 04 އަންހެން ކުދިންނެވެ.
މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި 01 ކުއްޖަކު ވަނީ ފޯސްޓަރ ޢާއިލާއަކާއި ހަވާލުކުރެވިފައެވެ.
2025 ވަނަ އަހަރުގެ އޮގަސްޓު މަހުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތައް. pic.twitter.com/3xZqTU4bZX
— Ministry of Social and Family Development (@MSFDmv) September 28, 2025
ހެލްޕް ލައިން އަށް ހުށަހެޅުނު މައްސަލަ
2025 ވަނަ އަހަރުގެ އޮގަސްޓު މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހެލްޕްލައިންއަށް ޖުމްލަ 2592 ކޯލު ވަނީ ލިބިފައެވެ.
އެގޮތުން، މި ވުޒާރާގެ ޗައިލް ހެލްޕްލައިން 1412 އަށް ޖުމްލަ 2108 ކޯލު ވަނީ ލިބިފައެވެ. މީގެ ތެރެއިން، 72 ކޯލަކީ ކުޑަކުދިންގެ ފަރާތުން ލިބިފައިވާ ކޯލުތަކެވެ. އަދި، 1559 ކޯލު ބޮޑެތިމީހުންގެ ފަރާތުން ލިބިފައިވާއިރު، ކާކުކަން ނޭނގޭ ގޮތަށް 477 ކޯލު ވަނީ ލިބިފައެވެ.
ހަމައެހެންމެ، މި ވުޒާރާގެ ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް ޖުމްލަ 484 ކޯލު ވަނީ ލިބިފައެވެ.
އިޖުތިމާޢީ އެހީތެރިކަން
2025 ވަނަ އަހަރުގެ އޮގަސްޓު މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅޭ 04 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
މިގޮތުން، ރިޕޯޓުކޮށްފައިވަނީ ތަޢުލީމު ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 04 މައްސަލައެވެ.
އޮގަސްޓު މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައިވާ އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅޭ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ފިރިހެނުންނާއި ގުޅުންހުރި 04 މައްސަލައެވެ.
މީޣެ އިތުރުން 2025 ވަނަ އަހަރުގެ އޮގަސްޓު މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ 73 ފަރާތަކަށް ކައުންސިލިން ސެޝަން ފޯރުކޮށްދީފައިވެއެވެ. އަދި 07 ފަރާތަކަށް ސައިކޯސޯޝަލް ސަޕޯޓް ފޯރުކޮށްދީފައިވާއިރު، 15 ފަރާތަކަށް ޕޭރެންޓިން ސެޝަން ކުރިއަށް ގެންގޮސްފައިވެއެވެ.
އަޅައިލުމާއި އެހީތެރިވުމާއި ގުޅޭ މައްސަލަ
2025 ވަނަ އަހަރުގެ އޮގަސްޓު މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިވުމާއި ގުޅޭ 08 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 05 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެނުންނާއި ގުޅޭ 03 މައްސަލައަކާއި އަންހެނުންނާއި ގުޅޭ 02 މައްސަލައެކެވެ.
ހަމައެހެންމެ، އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަމުގެ 03 މައްސަލަ ވެސް ވަނީ އޮގަސްޓު މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެނުންނާއި ގުޅޭ 02 މައްސަލައަކާއި އަންހެނުންނާއި ގުޅޭ 01 މައްސަލައެކެވެ.
އޮގަސްޓު މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައިވާ އަޅާލުމާއި އެހީތެރިވުމާއި ގުޅޭ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ފިރިހެނުންގެ 05 މައްސަލައާއި އަންހެނުންގެ 03 މައްސަލައެވެ.

ގެވެށި އަނިޔާގެ މައްސަލަ
2025 ވަނަ އަހަރުގެ އޮގަސްޓު މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 45 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. އެގޮތުން، މި ބާވަތުވެ 25 މައްސަލައެއް ވަނީ އޮގަސްޓު މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ގުޅޭ 23 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ 02 މައްސަލައެކެވެ.
ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ނަފްސާނީ އަނިޔާކުރުން/ އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 10 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ގުޅޭ 09 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ 01 މައްސަލައެކެވެ.
ހަމައެހެންމެ، މީގެ ތެރޭގައި ޖިންސީ ހާނިއްކަ ކުރުމުގެ 04 މައްސަލަ، ހިފެހެއްޓުމުގެ އަމަލުގެ 02 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 02 މައްސަލަ، ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 01 މައްސަލަ، އަދި ޖިންސީ ފުރައްސާރަކުރުމުގެ 01 މައްސަލަ ހިމެނެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އަންހެނުންނާއި ގުޅޭ 41 މައްސަލައަކާއި ފިރހެނުންނައި ގުޅޭ 04 މައްސަލައެކެވެ.
އާއިލީ މައްސަލަ
2025 ވަނަ އަހަރުގެ އޮގަސްޓު މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ޢާއިލީ މައްސަލަތަކާ ގުޅޭ 22 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކެވެ. އެގޮތުން، މި ބާވަތުވެ 11 މައްސަލައެއް ވަނީ އޮގަސްޓު މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 06 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 05 މައްސަލައެކެވެ.
ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ހަޟާނާގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 09 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 07 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 02 މައްސަލައެކެވެ.
ހަމައެހެންމެ، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ މައްސަލަތަކުގެ 01 މައްސަލައާއި، ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 01 މައްސަލަ ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ޢާއިލީ މައްސަލަތަކުގެ ތެރޭގައި ޖުމްލަކޮށް ހިމެނެނީ، އަންހެންކުދިންގެ 08 މައްސަލައާއި ފިރިހެން ކުދިންގެ 14 މައްސަލައެވެ.

ކުޑަކުދިންގެ ޙައްޣުތަކުގެ މައްސަލަ
2025 ވަނަ އަހަރުގެ އޮގަސްޓު މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންގެ ހައްޤުތަކާ ގުޅުންހުރި 04 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުދިން ސްކޫލަށް ނުފޮނުވުމުގެ މައްސަލަތަކެވެ. އެގޮތުން ކުދިން ސްކޫލަށް ނުފޮނުވުމުގެ 03 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ.
ހަމައެހެންމެ، ކުދިންނަށް ވެކްސިން ނުދިނުމުގެ 01 މައްސަލަވެސް އޮގަސްޓު މަހު މި ވުޒާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ.
ކުޑަކުދިންގެ ހައްޤުތަކާ ގުޅުންހުރި މައްސަލަތަކާއި ގުޅިގެން އޮގަސްޓު މަހު މި ވުޒާރާއަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ފިރިހެން ކުދިންގެ މައްސަލައެވެ. އެގޮތުން ހިމެނެނީ، ފިރިހެން ކުދިންގެ 03 މައްސަލައަކާއި އަންހެން ކުދިންގެ 01 މައްސަލައެވެ.






