މާލެއިން ފުރައިގެން ސިކްސް އެންޑް ސިކްސް ދޮންމާގަ މޯލްޑިވްސް ރިސޯޓަށް ދަތުރުކުރަމުންދިޔަ "ގަސްކުރި" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ފަރަށް އަރައިގެން، އެމްއެންޑީއެފް މާލެއޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ތިން މީހުންނާ އެކު ދަތުރުކުރި 70 ފޫޓްގެ މި ދޯނި ފަރަށް އަރާފައިވަނީ ސެޕްޓެންބަރު 24 ވަނަ ދުވަހު ކަމަށާއި، މި ދޯންޏަކީ އެ ރިސޯޓަށް ހިލައާ ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ކަމަށެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގައި ފަރަށް އެރި ދޯނިން ބޮޑު ތަނެއް ފަޅައިގެން ގޮސް، ދޯނީގެ ބޮޑު ބައެއް ވަނީ ފެނުއަޑީގައެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑް ޑައިވަރުން އިތުރަށް ބެލުމަށް ފަހު، ސެލްވޭޖް މަސައްކަތަށް ބޭނުންވާ ސާމާނު ހޯދައި، ތާނގީ ފީފާ ޖަހައި ކުރި މަސައްކަތުން މިއަދު 16:05 ހާއިރު ދޯނި ފުންކުރެވިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ މިހާރު އުޅަނދެއްގައި ޓޯވްކޮށްގެން ދޯނި ތިލަފުށްޓަށް ގެންދިއުމަށް ދަތުރުކުރަމުންދާ ކަމަށެވެ.