Saturday, October 31
ފެމިލީ ކޯޓުގެ ޤާޟީ ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ފެމިލީ ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިޢުލާނުގައި ބުނެފައިވާ ގޮތުން ފެމިލީ ކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 37،700ރ. އާއި ލިވިންގ އެލަވަންސްގެ ގޮތުގައި 18،000ރ. އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300ރ. ލިބޭނެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އަދި ފޯނު އެލަވަންސް ލިބޭނެއެވެ.

ފެމިލީ ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރުވެފައިވާ މީހުންނަށެވެ. އަދި އެ ފަރާތަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާނީ 02 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ. ނަމަވެސް އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ ފަރާތްތަކުން ސުންގަޑިހަމަވުމުގެ ކުރިން ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.

ޖޭއެސްސީން ބުނީ ފެމިލީ ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު