މި އަންނަ އަހަރުގެ މާރިޗް މަހުން ފެށިގެން ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުގައި އެސް.ޓީ.އޯ. ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމު ޤާއިމުކޮށް އެ މަސައްކަތް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ފ އަދި މ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި، މަދުވެގެން އެއް ރަށުގައި، އެސް.ޓީ.އޯ. ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމު ގާއިމްކުރުމަށް އެ މަޝްރޫއު އެސްޓިއޯއާއި ހަވާލުކޮށް މިހާރު ކަނޑައެޅިފައި ހުރި ހުރިހާ ރަށެއްގައި ފިއުލް ސްކިޑްތައް ގާއިމް ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ޕްރީ ފެބްރިކޭޝަން މަސައްކަތް ކަމަށެވެ. އެ މަސައްކަތްވެސް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި އަންނަ ނޮވެމްބަރު މަހުން ފެށިގެން ޑެލިވަރ ކުރެވިގެން، އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. ރައީސް ވިދާޅުވީ ނިލަންދޫގައި ފިއުލް ސްކިޑް ޤާއިމުކުރުމަށް ބޭނުންވާ ސިވިލް ވަރކްސް ކުރުމަށް ހަވާލުކޮށްފައިވާ ކަމަށެވެ.
މިހާރު ތާވަލުކުރެވިފައި އޮތްގޮތުން، މި އަންނަ އަހަރުގެ މާރިޗު މަހާ ހަމައަށްދާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި އެސްޓިއޯ ރޭޓުން ތެޔޮ ލިބޭނެ ނިޒާމު ގާއިމްކޮށް ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.





