އާދިއްތަ, November 15
ކާށިދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

ކ. ކާށިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިިގެން ކާށިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެދެމީހުން ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 18 ވަނަ ދުވަހުރޭގެ ވަގުތެއްގައި ކާށިދޫ އުތުރު އަވަށު ވަލުތެރެއިން ކަމަށެވެ.

މިގޮތުން މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ކ. ކާށިދޫ / ސާދާގެ، އަޙްމަދު ފިރާގު (46އ) އާއި ކ. ކާށިދޫ / ޝަރަފް، ސާލިމް ނަޞީރު (43އ) އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެދެމީހުން ހައްޔަރުކޮށް، އެމީހުންގެ ހަށިގަނޑާއި އެމީހުން އެވަގުތު ތިބިތަން ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 110 ރަބަރު ޕެކެޓް ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 10.6 ގްރާމެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން އަޙްމަދު ފިރާޤުގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް ދީފައިވާއިރު ސާލިމް ނަޞީރުގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މިމައްސަލަ ކާށިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު