ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގައި ޤާއިމްކުރާ އެއަރޕޯޓު 30 މަސްދުވަހުގެތެރޭގައި ނިމިގެންދާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނިލަންދޫ އެއަޕޯޓް ތަރައްޤީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްއޭސީއެލް އާއި ހަވާލުކުރީ މިރޭ އރަށު ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއަށް އަލިއަޅުއްވާލައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ނިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު އެއް ވަޢުދަކީ އެރަށުގައި އެއަރޕޯޓެއް ތަރައްޤީކުރުންކަމަށެވެ. އެގޮތުން 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކުރާ އެއަރޕޯޓް ވެގެންދާނީ އެންމެ ޒަމާނީ އެއަރޕޯޓަކަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މިތަނުގައި މި ސޮއިކުރީ އެއަރޕޯޓު ތަރައްޤީކުރުމަށް އެމްއޭސީއެލަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި. އެއީ ސިވިލް އިންފްރާސްޓްރަކްޗަރ ހުރިހާ މަސައްކަތެއް ކުރުމަށް. އަދި އޮޕަރޭޓްކުރުމަށް. ހުރިހާ ކަމެއް އޭގައި ހިމެނޭގޮތަށް ސޮއިކުރެވުނު މަޝްރޫޢެއް. މި އެއްބަސްވުމުގެ ތެރެއިން އެންމެ ޒަމާނީ ފެންވަރުގެ އެއަރޕޯޓެއް އެމްއޭސީއެލުން މިރަށުގައި ތަރައްޤީކުރާނެ. މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސްދުވަސްތެރޭގައި މި އެއަރޕޯޓުގެ މަސައްކަތް ނިންމާ ތިބޭފުޅުންނަށް ލިބިގެންދާނެ. އެ ޔަޤީންކަން ތިބޭފުޅުންނަށް ދެން." ރައީސް ވިދާޅުވިއެވެ.
ނިލަންދެއަތޮޅު އުތުރުބުރިއަކީ ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. ނިލަންދޫ އެއަރޕޯޓަކީ މި ދައުރުގައި ސަރުކާރުން ތަރައްޤީކުރުމަށް އިއުލާނުކޮށްފަވާ 12 އެއަރޕޯޓްގެ ތެރޭގައި ހިމެނޭ އެއް އެއަރޕޯޓެކެވެ.
މި ލިޔުން ކިޔާލުމުން