މާދަމާ ފެލިދޫގައި ޢަމަލީ މަސައްކަތް ފަށާ ހޮސްޕިޓާ ނިމިގެންދާނީ، 30 އެނދުގެ، ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި ކަމުގައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.
ފެލިދޫގެ ތަރައްޤީއަށްޓަކައި ރާއްވަވާފައިވާ މަސައްކަތްތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވަމުން ވިދާޅުވީ އެ ރަށުގައި ހަދާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ތަރައްޤީކުރައްވާނީ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ ގޮތުގައި ކަމަށެވެ.
އިތުރު ވަޞީލަތްތަކާއެކު، ސްކޫލް ޢިމާރާތުގެ މަސައްކަތްވެސް މި އަހަރު ފައްޓަވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަންނަ އަހަރު، އެ ރަށުގައި 12 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށްގެންދަވާނޭ ކަމަށާއި، ރާއްޖޭގެ ސީ- އެމްބިއުލާންސް ފްލީޓަށް އުޅަނދުތައް އިތުރުކުރައްވައި، ފެލިދެއަތޮޅުގައިވެސް އެ ޚިދުމަތް ޤާއިމުކުރައްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރަށްރަށުގައި އޭ.ޓީ.އެމް ޤާއިމުކުރުމުގެ މަސައްކަތާ ގުޅުވައިގެން އެމަނިކުފާނަށް މަލާމާތް ރައްދުވަމުންދާކަން އެނގިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް، އެފަދަ އަސާސީ ޚިދުމަތްތައް މަރުކަޒުވެފައި ހުރުމުން ރައްޔިތުން އުފުލަންޖެހުނު ތަކުލީފާއި، އެ ޚިދުމަތްތައް ލާމަރުކަޒުކުރުމުން ލިބޭ ލުއިފަސޭހަކަން އެނގިވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، އެފަދަ ޚިދުމަތްތައް ފޯރުކޮށްދެއްވުމަކީ ލިބިވަޑައިގަންނަވާ ފަޚުރެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ރައްޔިތުންގެ ލުއިފަސޭހައަށް ކުރާ ކަންކަމުގެ މަންފާ ރައްޔިތުންނަށް ލިބުނަ ނުދޭން، ސިޔާސީ ބޭނުމެއްގައި، ރާވައިގެން، ގަސްދުގައި ރައްޔިތުންނަށް ދެރަ ދިނުމަށް ކުރާ ކަންކަން ކާމިޔާބުވިޔަ ނުދެއްވާނޭކަމަށް ވިދާޅުވެ، އެފަދަ ކަންކަން ހުއްޓުވުމަށް ސަރުކާރުން އަޅުއްވާފައިވާ ކާމިޔާބު ފިޔަވަޅުތައް އެމަނިކުފާނު ތަފްޞީލުކޮށްދެއްވިއެވެ. އަދި ގަސްދުގައި ރައްޔިތުންނަށް ދެރަ ދިނުމަށް ކަންކަން ކުރަމުންދާއިރު، މި ސަރުކާރުން ލޯމަރައިގެން ނުތިބޭނޭ ކަމަށާއި، ސިޔާސީ ބޭނުމެއްގައި ތަކެތީގެ އަގުބޮޑުކުރުމަށް ދެން ފުރުޞަތު ނުދެއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން