ކުރީގެ ރައީސުންނާއި މެންބަރުންނަށް ދައުލަތުން ދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ކުރިއަށްއޮތް ދައުރަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރައްޔިތުންނާއިއެކު އިއްޔެގެ ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައި ތިއްބެވި ޢިއްޒަތްތެރި މަޖިލިސް މެންބަރުން، މި ބޭފުޅުން މެންބަރުކަމުން ދިޔުމަށްފަހު، ދެން މިލިބޭ ޢިނާޔަތްވެސް އިންޞާފުވެރިގޮތަކަށް ލިބޭ އެއްޗެއް ކަމަކަށް ރައްޔިތުން ގަބޫލެއް ނުކުރައްވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ މިހާރު އެއް ދައުރު އުޅުނީމާވެސް އެލަވަންސެއް ލިބޭކަމަށާއި މިކަމާ ވިސްނަވާ މިއަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ޤަބޫލުކުރައްވާކަމަށެވެ.
''އެހެންވީމާ، ކުރިއަށް އޮތް، މަޖިލީހުގެ ދައުރު ހުޅުވުނީމާ، އަޅުގަނޑުމެން ހުށަހަޅާ ބަދަލުތަކުގެ ތެރެއިން އިސްލާހުތަކުގެ ތެރޭގައި، އަޅުގަނޑުމެން ހުށަހަޅާނަން، މި ދެންނެވިގޮތަށް، ކުރީގައި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި އަދި މަޖިލީހުގެ މެންބަރުކަން ކުރައްވާފައި ތިއްބެވި މިހާރު މަޖިލިސްގައި ނޫޅުއްވާ ބޭފުޅުންނަށް މި ލިބޭ ޢިނާޔަތްތަކަށް އިސްލާހުތަކެއް ގެންނަން. ބައެއް ޢިނާޔަތްތައް ވަކިކުރަން ހުށަހަޅާނަން. އެއީ، އަޅުގަނޑު ހިތުން ޤައުމަށް ވަރަށް މުހިންމު ކަމެއް. ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް'' ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި ހަމަ އޭގެ އިތުރަށް، އެކިކަހަލަ މުއައްސަސާތަކުގައި އުޅުއްވާފައި ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުން، ރިޓަޔަރ ކުރެއްވުމަށްފަހު ދައުލަތުގެ އެކި މަގާމުތަކަށް އެބަ ވަޑައިގަންނަވާ ކަމަށާއި އެހެންވީމާ، އެބޭފުޅުން އެ މަގާމުތަކުގައި، ފުލްޓައިމްކޮށް އުޅުއްވާ މުއްދަތުގައި، ދުވަސްވަރު އެއްކަލަ ރިޓަޔަރމަންޓް ސްކީމުން މަހަކު މި ލިބޭ އަދަދު ލިބުންވެސް އެއީ ރަނގަޅުގޮތެއްނޫން ކަމަށް ރައްޔިތުން ގަބޫލުކުރައްވާ ކަމަށްވެސް އެކަމިނިކުފާނު ވިދާޅުވިއެވެ.
މި ޤައުމުގެ ހާލަތަށް ބަލާއިރުގައި ނޫނީ ޤައުމުގެ ރައްޔިތުން އެދޭގޮތަކީ، މި ދެންނެވި ބޭފުޅުންގެ މުސާރަ ނޫނީ އެ ލިބޭ އެލަވަންސްތައް ކުޑަކުރުން ކަމަށާއި އެ އިސްލާހު ގެނެވިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ކުރީގެ ރައީސުންނާއި މެންބަރުންނަށް ދައުލަތުން ދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނު އިސްލާހު ކުރުމަށް ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވީ މިމަހުގެ 10ވަނަ ދުވަހުގައެވެ.
މި ލިޔުން ކިޔާލުމުން