ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤަޠަރުގެ އަމީރު، ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ޤަޠަރުގައި ހުންނަ ޝެރަޓަން ދޯހާ ހޮޓެލްގައެވެ.
މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި، އިސްރާއީލުން ޤަޠަރަށް ދާދި ފަހުން ދިން ޢުދުވާނީ ޙަމަލާގައި އެތައް ބަޔަކު މަރުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއިން ޤަޠަރުގެ ސަރުކާރާއި، ރައްޔިތުންނާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމި އޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ޤަޠަރުގެ އިސްތިޤުލާލަށް ނުރައްކާވުން ކުށްވެރިކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރަޙައްދީ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށް ޤަޠަރުން ކުރާ މަސައްކަތްތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު ލިބެމުންދާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
ހަމަ މިއާއެކު، ޢަރަބި - އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓެއް ބޭއްވެވިކަމަށްޓަކައި ޤަޠަރުގެ ލީޑަރޝިޕަށް ތަޢުރީފުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްޠީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ޤަޠަރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ދޭދޭ މަސްލަހަތު ހިމެނޭ ކަންކަމުގައި ހަރުދަނާ ގޮތެއްގައި، އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުންވެސް ދެ ޤައުމުގެ ލީޑަރުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އެކި ދާއިރާތަކުން ޤަޠަރުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެއްބާރުލުމަށްޓަކައި، ޤަޠަރުގެ އަމީރަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ޤައުމުގެ ލީޑަރުންވެސް ވަނީ، ދޭދޭ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވައި، މުސްލިމުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމަށާއި، ވަކި މިނިވަން ދަޢުލަތެއްގެ ގޮތުގައި ފަލަސްޠީނު އުފެދި، އިސްތިޤުލާލީ މިނިވަންކަމާ އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤު ކަށަވަރުކުރުމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވެސް ދިވެހިރާއްޖެއާއި ޤަޠަރުގެ ލީޑަރުން ވަނީ ދެއްވާފައެވެ.
މި ލިޔުން ކިޔާލުމުން