ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރެވިގެންދާއިރު ބިދޭސީންގެ އަދަދު ކަށަވަރު ކުރެވިގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ފޮރިން ލޭބަރ ޑިޕާޓްމަންޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު ވިދާޅުވީ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލު ގެނައުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުން ވަރަށް ގިނަ ނަތީޖާތަކެއް ހާސިލްވެފައިވާ ކަމަށެވެ.
ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި އެކި ސަރުކާރުތަކުން މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާ ސްޓޭޓް ވިދާޅުވީ ބިދޭސީންގެ ބަޔޯ މެޓްރިކްސް ޑޭޓާ ނެގުމުގެ މަސައްކަތް ފެށީ މި ސަރުކާރުން ކަމަށެވެ.
މީގެ އިތުރުން ބިދޭސީންނާ ގުޅުންހުރި އެކި ފީތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްޓޭޓް ވަނީ ފީ ނުދައްކާ 8000އަށްވުރެ ގިނަ ފަރާތް އެކްސްޕެޓް ސިސްޓަމްގެ ތެރެއިން ސަސްޕެންޑްކޮށްފައިވާކަންވެސް ފާހަގަކުރައްވާފައެވެ.
ބިދޭސީންނާއި ގުޅުންހުރި އެކި ފީތަކާއެކު ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ސްޓޭޓް ވިދާޅުވިއެވެ. އަދި މިހާރު ނިޒާމު ބައްޓަންކުރަމުންދަނީ މިފަދަ ފީތައް ނުދައްކާ ފަރާތްތަކަށް، ބިދޭސީންނާއި ގުޅުންހުރި އެއްވެސް ޚިދުމަތެއް ދައުލަތުގެ އިދާރާތަކުން ނުލިބޭގޮތަށް ކަމަށް ސްޓޭޓް ވިދާޅުވިއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކަމާ ގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކުރަން ފެށީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ބަޔޯ މެޓްރިކްސްނަގައި، އެކްސްޕެޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ބިދޭސީންނާއި ގުޅުންހުރި އެކި ކަންކަމުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށާއި، ރާއްޖޭގައި އުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.
މި ލިޔުން ކިޔާލުމުން