އާދިއްތަ, November 1
އޯޒޯން ދުވަސް ފާހަގަކުރުމަށް ތައްޔާރުވެ، ކާބޯތަކެތީގެ ވިޔަފާރިވެރިންނަށް ހިލޭ ސްޓޯލްގެ ފުރުސަތު

ދިވެހި ސަރުކާރުގެ ފަރާތުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ އިން ކުރިއަށްގެންދާ ނޭޝަނަލް އޯޒޯން ޔުނިޓްގެ މަސައްކަތްތަކުގެ ތެރެއިން އިންޓަރނޭޝަނަލް ޑޭ ފޯރ ދަ ޕްރިޒަވޭޝަން އޮފް ދި އޯޒޯން ލޭޔަރ ނުވަތަ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 16 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ދުނިޔޭގެ އޯޒޯން ދުވަސް މި އަހަރުވެސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ނިންމައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ އޯޒޯން ދުވަސް ފާހަގަކުރުމުގެ އިތުރުން ވިއެނާ ކޮންވެންޝަނަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި، 19 ސެޕްޓެންބަރު 2025 ވާ ހުކުރު ދުވަހު ބޭއްވުމަށް ރާވަމުންދާ މި ހަރަކާތްތަކުގެ މައިގަނޑު މަޤްސަދަކީ އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ މުހިންމުކަމާއި، އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ މަޤްސަދުގައި އެކުލަވާލާފައިވާ ބައިނަލްޢަޤްވާމީ އެއްބަސްވުންތަކުގެ ދަށުން އަންނާނެ ބަދަލުތަކާއި، މި ބަދަލުތަކަށް ޢަމަލުކުރުމަށް ފަރުދީ ގޮތުން ކުރެވިދާނެ ކަންކަން ހިމެނޭހެން އާންމު ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. މި އިވެންޓްގެ ތެރޭގައި ހިމެނޭ އިންޓަރެކްޓިވް ސްޓޯލްތަކުގެ ތެރެއިން އެކި ފަރާތްތަކުން ކުރަމުންގެންދާ ތިމާވެއްޓާ ރައްޓެހި ހަރަކާތްތައް ދައްކާލުމުގެ އިތުރުން ލޭޒަރ ވޯލް އެއްވެސް ހިމެނޭ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ މި ހަރަކާތުގެ ތެރޭގައި ކާބޯތަކެތި ވިއްކާ ސްޓޯލްތަކެއް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށާއި، ވެންޑަރުންނަށް އެ ތަނުގައި 10x10 ފޫޓް ސްޓޯލްގެ ޖާގައެއް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އެމީހުންގެ ކާބޯތަކެތި ސީދާ އިވެންޓަށް ހާޒިރުވާ ފަރާތްތަކަށް ވިއްކޭނެ އުސޫލު ހަމަޖެހިފައިވާނެ ކަމަށާއި، މި އިވެންޓްގެ އެންމެހާ ހަރަކާތްތައް ކުރިއަށްދަނީ، ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާއާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމުގެ ގޮތުން، ކާބޯތަކެތި ވިއްކުމުގައި އަމަލުކުރުމަށް ގައިޑްލައިންތަކެއް އެކުލަވާލާފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު އެ ވުޒާރާއިން ވަނީ އަރުވައިފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން ހުށަހަޅަންޖެހޭ މަޢުލޫމާތު އެ ވުޒާރާއިން ވަނީ އާންމުކޮށްފައެވެ.

އެ ވުޒާރާއިން ބުނީ މި މަސައްކަތުގެ މައުލޫމާތު ޝީޓު އެ ވުޒާރާގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެ ކަމަށެވެ.

ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 09 ސެޕްޓެމްބަރު 2025 ވާ އަންގާރަ ދުވަހުގެ 12:00 އެވެ. މައުލޫމާތު ހުށަހަޅާނީ އޮންލައިންކޮށް އީމެއިލްގެ ޒަރީއާއިންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު