ރާއްޖޭގައި ފުރަތަމަ ފަހަރަށް އިޝާރާތް ބަސް (ސައިން ލޭންގުއޭޖް)ގެ ސެޓްފިކެޓް ލެވެލްގެ ކޯހެއް ފަށަން ތައްޔާރުވެއްޖެ އެވެ. މިއީ އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއެކު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެ ޔުނިވާސިޓީއިން ފަށާ ކޯހެކެވެ.
އެގޮތުން ސައިން ލޭންގުއޭޖް ސެޓްފިކެޓް ލެވެލް 3 ގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ޤައުމީ ޔުނިވާސިޓީން ވަނީ ހުޅުވާލާފައެވެ. 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ޖީސީއޯލެވެލް ހަދާފައިވާ އަދި ސެޓްފިކެޓް ލެވެލް 2 ފުރިހަމަކޮށްފައިވާ ކޮންމެ ފަރާތަކަށް ވެސް ކުރިމަތިލެވޭނެ އެވެ.
އިޖުތިމާޢީ ވުޒާރާއިން ބުނީ ސައިން ލޭންގުއޭޖް ކޯސް ފުރިހަމަކޮށް، ގިނަ ބަޔަކު ސައިން ލޭންގުއޭޖަށް އަހުލުވެރިވަމުން އަންނަކަމުގައި ވާނަމަ، ސައިން ލޭންގުއޭޖަކީ ހަމައެކަނި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލާ މެމްބަރުން ބޭނުންކުރާ އެއްޗަކަށް ވެފައި އޮތުން ނިމުމަކަށް އައިސް، މުޖުތަމައުގެ އެހެން މީހުންނެކޭ ވެސް އެއްގޮތަށް އަޑުއުވިއުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުއާމަލާތުކުރުމުގަޔާއި، ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވެ އުޅުމާއި، ޚިދުމަތްތައް ހޯދުމުގައި އަދި މުޖުތަމައުގެ ކަންކަމުގައި ބައިވެރިވެ އުޅުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ހަމައެއާއެކު، އެއްވެސް ފަރުދަކު ބާކީނުވެ އެންމެން ޝާމިލުވާ، އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދާ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ވެސް މިފަދަ ކަންކަމުން ވަރަށް ބޮޑަށް ބާރުލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި ލިޔުން ކިޔާލުމުން