ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބްރެޒިލްގެ މިިނިވަންދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ލުއީޒް އިނާސިއޯ ލޫލާ ޑެ ސިލްވަރ، ސަރުކާރާއި އަދި ފެޑެރޭޓިވް ރިޕަބްލިކް އޮފް ބްރެޒިލްގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.
އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ދެމެހެއްޓެނިވި ތަރައްޤީއާއި މޫސުމީ ބަދަލުތަކާ ގުޅޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއާއި ބްރެޒިލް އާ ދެމެދު އޮތް އަގުހުރި އެއްބާރުލުން ފާހަގަކުރައްވާފައިވެއެވެ. އަދި ބެލެމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސީ.އޯ.ޕީ 30 ގައި ބައިވެރިވުމަށް ރާއްޖެއިން އިންތިޒާރުކުރައްވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، އެއްބާރުލުން އިތުރުވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކުރައްވައި އާންމުކުރެއްވި މެސެޖެއްގައިވެސް، ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ދެޤައުމުގެ މެދުގައި ބަދަހިވަމުންދާ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގައި ދިވެހިރާއްޖެއިން މަސައްކަތްކުރައްވާނޭކަމަށް ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން