ބުރާސްފަތި ދުވަހުގެ ރޭ އަފްޣާނިސްތާނުގެ އެކަހެރި ދެކުނު އިރުމަތީ ސަރަހައްދުގައި 5.6 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ. މިއީ 6 ދުވަހުގެ ތެރޭގައި އައި ތިންވަނަ ބިންހެލުމެވެ.
ރާއްޖެ ގަޑިން 20:36 ގައި އައި މި ބިންހެލުމުގެ ސަބަބުން މީހުންނަށް ލިބުނު ގެއްލުމުގެ ރަސްމީ ރިޕޯޓެއް އަދި ލިބިފައިނުވާއިރު، އެ ސަރަހައްދުގައި ތިބި މެޑިކަލް މުވައްޒަފުން "ބީބީސީ" އަށް މަޢުލޫމާތު ދިންގޮތުގައި 17 މީހުން ޒަޚަމްވެގެން ކުނަރު ޕްރޮވިންޝަލް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
އާދީއްތަ ދުވަހުގެ ބިންހެލުމުގައި 1،368 މީހުން މަރުވެ އަދި 2،180 މީހުން ޒަޚަމްވެފައިވާ ކަމަށް އދ. ގެ އިންސާނީ އެހީތެރިކަމުގެ ކަންކަން ވިލަރެސްކުރާ އޮފީހުން (އޯއެޗްސީއޭ) ބުނެފައިވެއެވެ.
ސަރުކާރުން ބުނާ ގޮތުގައި، އެ ސަރަޙައްދުގެ ފަރުބަދަމަތީގެ ވެށީގެ ސަބަބުން މީހުން ސަލާމަތްކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވަމުން ދެއެވެ.
އަންގާރަ ދުވަހުވެސް އަފްޣާނިސްތާނަށް 5.5 މެގްނިޓިއުޑްގެ ދެވަނަ ބިންހެލުމެއް އައިސްފައިވާއިރު، މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް ގިނައިން ކުރިއަށް ގެންގޮސްފައިވަނީ ހެލިކޮޕްޓަރުތައް މެދުވެރިކޮށެވެ. މީގެ އިތުރުންވެސް މި ބިންހެލުންތަކާ ގުޅިގެން އިތުރު ކުދި ބިންހެލުންތައްވެސް ދަނީ އަންނަމުންނެވެ.
ޠާލިބާން ސަރުކާރުގެ ތަރުޖަމާނުގެ ނައިބު، ޙަމްދުއްލާހް ފިޠްރަތް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަލާމަތްކުރުމާއި މީހުން ހޯދުމުގެ މަސައްކަތްތައް އަދިވެސް ކުރިއަށްދާ ކަމަށާއި، އެކި ސަރަޙައްދުތަކުގައި މީހުންނަށް ޓެންޓު ޖަހައިދެވިފައިވާ ކަމަށެވެ. އަދި ފުރަތަމަ އެހީއާއި ކުއްލި ޙާލަތުގެ ތަކެތި ފޯރުކޮށްދިނުން ކުރިއަށްދާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން